ވިހެއުމަށް ފަހު އޭނާގެ ހަށިގަނޑަށް އައި ބަދަލުތަކާ ގުޅިގެން މީޑިއާތަކާއި ސޯޝަލް މީޑިއާގައި ކުރިމަތިވި ބުލީކުރުމާއި ފާޑުކިޔުންތަކާ ގުޅޭ ގޮތުން ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫ ވާހަކަދައްކައިފި އެވެ.

"އެލް އިންޑިއާ" މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބިޕާޝާ ވަނީ އަންހެނުންގެ ހަށިގަނޑާ މެދު މުޖުތަމައުން ގެންގުޅޭ އަދި ހާސިލުނުކުރެވޭ ވަރުގެ އުންމީދުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ބިޕާޝާ ބުނީ އަންހެނަކު ވިހެއުމަށް ފަހު، އުމުރުން 40 އަހަރުގައި ވެސް، 20 އަހަރުގައި ހުރި ބައްޓަމަށް ހަށިގަނޑު ވަގުތުން ބަދަލުކުރަން ޖެހޭ ކަމަށް މީހުން ގަބޫލުކުރުމަކީ ވަރަށް ވިޔާނުދާ ވިސްނުމެއް ކަމެއް ކަމަށެވެ.

ދަރިއަކު ލިބުމަށް ފަހު ހަށިގަނޑު ކުރީގެ ސިފައަށް އަވަހަށް ބަދަލު ނުކުރެވިއްޖެ ނަމަ، މީހުން ވަރަށް އިހާނެތިކޮށް ހިތާއި، ސޯޝަލް މީޑިއާގައި ބުލީކުރަން ފަށާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ބައެއް ޕަޕަރާޒީން އޭނާގެ ހަށިގަނޑު ގޯސްކޮށް ދައްކުވައިދޭ ގޮތަށް ފޮޓޯ އާއި ވީޑިއޯތައް ނަގައި، އޭނާއާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްތައް ކޮށްފައިވާ ކަމަށް ބިޕާޝާ ބުންޏެވެ.

ބިޕާޝާ ބުނި ގޮތުގައި، ދަރިއަކު ބެލުމާއި ދަރިއެއް ލިބުމުން ދިރިއުޅުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އަމިއްލަ ނަފްސަށް އަންނަ ބޮޑެތި ބަދަލުތަކާ ކުރިމަތިލުމަށް އަންހެނަކު ކުރާ ބުރަ މަސައްކަތް މީހުން ބަލައިނުގަންނަ ކަމަށެވެ.

ނަމަވެސް، އޭނާއަކީ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އިތުބާރުކުރާ މީހެއް ކަމަށާއި ބޭރުން އިވޭ އެފަދަ އަޑުތަކުގެ ސަބަބުން އޭނާގެ ހިތްވަރު އެއްގޮތަކަށް ވެސް އެލިގެން ނުދާނެ ކަމަށް ބިޕާޝާ ބުންޏެވެ.

އޭނާގެ އަމިއްލަ ދިރިއުޅުމުގެ ދަތުރު އެނގޭނީ އޭނާއަށް ކަމަށާއި ހަށިގަނޑަށް ބޭނުންވާ ބަދަލުތައް ގެންނަންވީ ވަގުތާއި ކުރަން ޖެހޭ މަސައްކަތްތައް ނިންމާނީ އަމިއްލައަށް ކަމަށް ވެސް ބިޕާޝާ ބުންޏެވެ.

ބިޕާޝާ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާއަށް ދަރިފުޅު ދޭވީ ބާސޫ ސިންގް ގްރޯވާ ލިބުނީ ނޮވެމްބަރު 12، 2022 ގަ އެވެ. މިއީ 2015 ވަނަ އަހަރު "އެލޯން" ފިލްމުގެ ސެޓުން ބައްދަލުވެ، 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކައިވެނިކުރި މި ތަރިންގެ ފުރަތަމަ ދަރިފުޅެވެ.

ބިޕާޝާ އެންމެ ފަހުން ފެނިފައި ވަނީ 2020 ގައި ނުކުތް "ޑޭންޖަރަސް" ކިޔާ ވެބް ސީރީޒަކުންނެވެ.