ބޮލީވުޑްގެ އެކްޓްރެސް މަންނާރާ ޗޯޕްރާ ނުބައި ތަނެއްގައި ކާރު ޕާކު ކުރުމުން އާންމުންގެ މީހަކު އެކަމާ ރުޅިއައިސް، އޭނާގެ ކާރުގެ ފުރޮޅުތައް ފަޅާލާނެ ކަމަށް ބުނެ އިންޒާރުދީފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އޭނާ ކާރު ޕާކު ކުރީ އިންޑިއާގެ މުމްބާއީގެ އިމާރާތެއްގެ ޕާކިންއަށް ހާއްސަކޮށްފައި އޮތް ޖާގައެއްގަ އެވެ. ނަމަވެސް، އެއީ އެހެން މީހަކަށް ދީފައި އޮންނަ ޕާކިން ޖާގައެކެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މަންނާރާ އިމާރާތުގެ ތެރެއަށް ވަންނަމުން ދިޔައިރު، އޭނާގެ ވަށައިގެން ތިބި ފޮޓޯގްރާފަރުންނަށް މޭކަޕް ނުކޮށް ހުރިކަން ބުނެދެމުން މޫނު ނިވާކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް، އެ ވަގުތު އެތަނުގައި ހުރި މީހަކު ވަނީ މަންނާރާގެ ކާރު އޭނާއަށް ހާއްސަކޮށްފައިވާ ޕާކިން ޖާގާގައި އޮތުމުން، ކާރު އެތަނުން ނެގުމަށް ބާރަށް ގޮވައި އަޑުގަދަކޮށްފަ އެވެ.

މަންނާރާގެ އެސިސްޓެންޓް އެ މީހާގެ ގާތުގައި ކާރު ނަގައިދޭނެ ކަމަށް ބުނި ނަމަވެސް، މަންނާރާ އެ މީހާގެ ވާހަކައަށް ސަމާލުކަމެއް ނުދީ އެތެރެއަށް ހިނގައިގަތުމުން އެ މީހާ ވަނީ އިތުރަށް ރުޅިގަދަވެފަ އެވެ. އަދި "މެޑަމް، ކާރު އެތަނުން ނަގާ، ނޫން ނަމަ ފުރޮޅުތައް ފަޅާލާނަން" ކަމަށް ބުނެ އެ މީހާ ވަނީ މަންނާރާއަށް އިންޒާރުދީފަ އެވެ.

އެ ވީޑިއޯ އާންމުވުމާ އެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މަންނާރާ ކަންތައްތައް ކުރި ގޮތަށް ފާޑުކިޔައި، އެ މީހާގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ.

އާންމުން ބުނެފައި ވަނީ މަޝްހޫރު ތަރިއަކަށް ވިޔަސް އަދި އާންމު މީހަކަށް ވިޔަސް ގަވާއިދުތަކަކީ އެންމެންނަށް ވެސް އެއްހަމައެއްގައި ހިންގޭނެ އެއްޗެއް ކަމަށާއި މަޝްހޫރުވުމަކީ ގަވާއިދާ ހިލާފުވުމަށް ލިބޭ ހުއްދައެއް ނޫން ކަމަށެވެ.

މަންނާރާއަކީ ގްލޯބަލް ތަރި ޕްރިޔަންކާ ޗޯޕްރާއާ ދެބޭންގެދެދަރި މީހެކެވެ. ހިންދީ އަދި ތެލުގޫ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މަންނާރާއަށް އެންމެ ބޮޑު މަގުބޫލު ކަމެއް ލިބުނީ 2023 ވަނަ އަހަރު އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބިގް ބޮސް 17" އިން ދެވަނަ ރަނަރަޕްގެ މަގާމު ހޯދުމަށް ފަހުގަ އެވެ.