މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި އިންސްޓަގްރާމް ޕޯސްޓުތަކުގައި ދިވެހި ލަވަތައް ހިއްސާކުރެއްވުމުން އާންމުންގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ.
ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އިންސްޓަގްރާމްގައި ގިނަ ޕޯސްޓުތަކެއް އަންވަރު ކުރެއްވިއިރު، ރާއްޖެއަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ޕޯސްޓުގައި ހިމަނުއްވާފައި ވަނީ ރާއްޖޭގެ ގައުމީ ސަލާމުގެ އޯކޭސްޓްރާ އެވެ.
އެއަށް ފަހު ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ އެކަތަ ބޮޑުބެރު ގްރޫޕުގެ، ބޮޑު މަޝްހޫރު ކަމެއް ހޯދި ލަވައެއް ކަމަށްވާ "މަރިޔަމް މަލާ" އެވެ.
އޭގެ ފަހުން ކުރެއްވި ޕޯސްޓުތަކުގައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ހައްސާން މުހައްމަދު (މޭނާ ހައްސާން) ގެ އެންމެ މަގުބޫލު ލަވަތައް ކަމަށްވާ "މިލަ މިލަ ހަނދުވަރު" އާއި "ރައިވަރެއް ހެދީމާ" އާއި "ފަނު ދުންމާރި" އަދި "މާސިންގާ ކަނޑުތެރޭ" ހިމަނުއްވައިފަ އެވެ.
ބޮޑުވަޒީރު އަންވަރަކީ ސިޔާސީ ކަންކަމުގެ އިތުރުން ލަވަޔާއި މިއުޒިކަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެކެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާއިރު ވެސް، މިއުޒިކަކީ އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުއްވުމާއި ސަގާފީ ގުޅުންތައް ބަދަހިކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
އަންވަރަކީ އިންޑިއާގެ ކްލެސިކް މިއުޒިކާއި، ހާއްސަކޮށް މަޝްހޫރު ލަވަކިއުންތެރިޔާ ކިޝޯރު ކުމާރުގެ ލަވަތަކަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެކެވެ. "ޚުވާބު ހޯ ތުމް ޔާ ކޮއީ ހަގީގަތް" އަދި "ޕަލް ޕަލް ދިލް ކޭ ޕާސް" ކަހަލަ މަޝްހޫރު ހިންދީ ލަވަތަކަކީ އެމަނިކުފާނަށް ވަރަށް ކަމުދާ ލަވަތަކެކެވެ.
ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ދަތުރުގައި ކުރެއްވި ޕޯސްޓުތަކުގައި ވެސް އަންވަރު ވަނީ އެ ގައުމުގެ މިއުޒިކް ހިއްސާކުރައްވައިފަ އެވެ.
ބްރިކްސް ސަމިޓުގެ ތެރެއިން ބޭއްވި ހާއްސަ ފަރިއްކުޅުވުމެއްގައި އަންވަރު ވަނީ ކިޝޯރު ކުމާރުގެ "ޚުވާބު ހޯ ތުމް ޔާ ކޮއީ ހަގީގަތް" ކިޔުއްވައިފަ އެވެ. އެ ލަވަ ކިޔުއްވާ މަންޒަރު ފެންނަ ވީޑިއޯ ވެސް އަމިއްލަފުޅު އިންސްޓަގްރާމްގައި ހިއްސާކުރެއްވި އެވެ.
އެހެން ގައުމުތަކުގެ ވެރިންނާ އެކު ބާއްވާ ރަސްމީ ހަފްލާތަކާއި ބްރިކްސް ސަމިޓް ކަހަލަ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި އަމިއްލަފުޅަށް ހިންދީ ލަވަ ވިދާޅުވެ، އަންވަރު ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް އުފާވެރިކަން ގެނެސްދެއްވައިފަ އެވެ.
ހިންދީ ލަވަތަކުގެ އިތުރުން، މެލޭޝިޔާގެ އަމިއްލަ ސަގާފީ މިއުޒިކާއި ސަރަހައްދީ ފޯކް މިއުޒިކަށް ވެސް އަންވަރު ވަރަށް ލޯބިކުރައްވަ އެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ވެސް، ފޮތް ކިޔުއްވުމުގެ އިތުރުން ލަވަ ކިޔުއްވުމަކީ ހިތްހަމަޖެހުމާއި އުންމީދު ހޯއްދެވުމަށް ކުރެއްވި ކަމެއް ކަމަށް އަންވަރު ވިދާޅުވެފައިވެ އެވެ.