ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޯސްޓްކުރާ މަގުބޫލު ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަވަނަ އަދި ފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ މެހުމާނެއްގެ ގޮތުގައި ފެންނާނީ ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންކަން އިއުލާންކޮށްފި އެވެ. 

އެ އެޕިސޯޑުގެ ޓީޒާއެއް އިއްޔެ އާންމުކޮށްފައިވާއިރު އޭގެން ފެންނަނީ ކަރަން އާއި ސަލްމާންގެ ސަމާސާ ވާހަކަތަކެކެވެ.

މިއީ މި ޝޯގެ އެންމެ ފަހު ސީޒަން ކަމަށްވާތީ ވާހަކަތައް "ކޮންމެ މިސްރާބަކަށް ވެސް ގޮސްދާނެ" ކަމަށް ކަރަން ބުނުމުން، ސަލްމާން ވަނީ އެކަމަށް އެއްބަސްވެ ތާއީދުކޮށްފަ އެވެ. މިއީ ސަލްމާން މި ޝޯގައި އެކަނި (ސޯލޯ) މެހުމާނެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

ގާތްގަނޑަކަށް 22 އަހަރަށް ފަހު މި ޝޯ ނިންމާލަން ނިންމި ނިންމުމާ މެދު ވާހަކަދައްކަމުން ކަރަން ބުނީ މިއީ ވަރަށް އުނދަގޫ އަދި ޖަޒުބާތީ ނިންމުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ފިލްމު ޑައިރެކްޓްކުރުމަށް އިތުރު ވަގުތު ދޭން ބޭނުންވާތީ ޝޯ ނިންމާލަނީ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާތަނަށް 160 އަށް ވުރެ ގިނަ އެޕިސޯޑު ގެނެސްދީފައިވާ "ކޮފީ ވިތު ކަރަން"ގެ އެންމެ ފަހު ސީޒަން ސްޓްރީމްކުރަން ފަށަން ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން ޖިއޯހޮޓްސްޓާއިންނެވެ.