ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އޭނާގެ ކުރީގެ އަނބިމީހާ ސުޒާން ޚާންގެ އުފަންދުވަހުގެ މުނާސަބަތުގައި އަސަރުގަދަ މެސެޖެއް ހިއްސާކޮށް، ސުޒާންގެ ހަޔާތުގައި ކުރިމަތިލި ދަތި އުނދަގޫތަކާއި ގޮންޖެހުންތަކުން އަރައިގަތް ގޮތާ މެދު ފަޚުރުވެރިވާ ކަމަށް ބުނެފި އެވެ.

ރިތިކް ވަނީ ސުޒާންއަކީ އެމީހުންގެ ދެ ފިރިހެން ދަރިންނަށް ލިބުނު އެންމެ ފުރިހަމަ މަންމަ ކަމަށް ބުނެ ތައުރީފު ވެސް ކޮށްފަ އެވެ.

ރިތިކް އޭނާގެ އިންސްޓަގްރާމްގައި ސުޒާން އާއި އެމީހުންގެ ދެ ފިރިހެން ދަރިން ކަމަށްވާ ރެހާން އަދި ރިދާންއާ އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރަމުން ލިޔެފައި ވަނީ "މިއީ ހިތުގެ އަޑިން" ފޮނުވާ ތަހުނިޔާއެއް ކަމަށެވެ.

ސުޒާން އެހެން މީހުންނަށް ދޭ ލޯތްބާއި އުފާ މި އަހަރު އޭނާއަށް އަނބުރާ ލިބުމަށް އެދޭ ކަމަށާއި، ދިރިއުޅުމުގައި ކުރިމަތިވި ހުރިހާ ކަމަކާ ކުރިމަތިލައި އޭނާ މިއަދު އެ ހުރި ހިސާބަށް ވާސިލްވުމުން އިންތިހާއަށް ފަހުރުވެރިވާ ކަމަށް ރިތިކްގެ ޕޯސްޓުގައި ބުންޏެވެ.

މީގެ އިތުރުން، އެމީހުންގެ ދެ ދަރިންނަށް ސުޒާން ކަހަލަ، އަބަދުވެސް ކަންކަމުގެ "ޕޮޒިޓިވްކޮށް" ދެކޭ މަންމައެއް ލިބިފައިވުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށް ރިތިކް ބުންޏެވެ. 

ރިތިކް ބުނީ ސުޒާންގެ އިންޓީރިއާ ޑިޒައިނިން ވިޔަފާރި "ދަ ޗާކޯލް ޕްރޮޖެކްޓް" ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާވެ ކާމިޔާބުވާން އެދޭ ކަމަށާއި އަބަދުވެސް އޭނާއަށް ހިތްވަރުދޭން ހުންނާނެ ކަމަށެވެ.

އެ ޕޯސްޓަށް ރިތިކްގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދު ވެސް ވަނީ ކޮމެންޓުކޮށްފަ އެވެ. 

ރިތިކް އާއި ސުޒާން 14 އަހަރު އެކުގައި އުޅުމަށް ފަހު ވަރިވީ 2014 ގަ އެވެ. ދެމީހުން ވަކިވި ނަމަވެސް، ދަރިންގެ ކަންކަމުގައި އެކުގައި އުޅެ އެވެ. އަދި އެކި ހާއްސަ މުނާސަބަތުތަކުގައި އެކަކު އަނެކަކަށް ތައުރީފުކޮށް، އެހީތެރިކަން ދިނުމަކީ އެ ދެމީހުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.