އަންނަ މަހު ހަތަރެއްގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާ ޕާކިސްތާނުގެ ފުރަތަމަ އޮރިޖިނަލް ސީރީޒް "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" އިންޑިއާގައި ދެއްކުން މަނާކުރުމަށް އެދި އިންޑިއާގެ ފިލްމު އުފެއްދުންތެރިންގެ ޖަމިއްޔާ އިން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސިޓީއެއް ފޮނުވައިފި އެވެ.

މި ސީރީޒް ރިލީޒްކުރާ ތާރީޚު ނެޓްފްލިކްސް އިން އިއުލާނުކުރިތާ ދެ ދުވަސް ފަހުން "އޯލް އިންޑިއާ ސިނޭ ވޯކާސް އެސޯސިއޭޝަން" އިން މޯދީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނެޓްފްލިކްސް އިންޑިއާގައި މި ސީރީޒް ރިލީޒްކުރުން ހުއްޓުވަން ޖެހޭ ކަމަށެވެ.

އިންޑިއާގެ ޓީވީތަކާއި އޯޓީޓީ ޕްލެޓްފޯމްތަކާއި ސިނަމާތަކުގައި ޕާކިސްތާނުގެ އެއްވެސް ފިލްމެއް، ސީރީޒެއް، ލަވައެއް އަދި ޕޮޑްކާސްޓެއް ވެސް ދުވަހަކު ވެސް ނުދެއްކޭނެ ގޮތަށް ހަރުކަށި، ދާއިމީ ގާނޫނެއް ފާސްކުރުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

އެ ސިޓީގައި އެ ޖަމިއްޔާ އިން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން ނެރުނު އެޑްވައިޒަރީއަށް ވެސް އިޝާރާތްކޮށްފަ އެވެ.

ޕަހަލްގާމް ހަމަލާއަށް ފަހު ނެރުނު އެ އެޑްވައިޒަރީގައި، ޕާކިސްތާނުގައި އުފައްދާ އެއްވެސް ކޮންޓެންޓެއް އިންޑިއާގެ ސްޓްރީމިން ޕްލެޓްފޯމްތަކުގައި ނުދެއްކުމަށް އަންގާފައިވާ ކަމަށާއި މި ސީރީޒް އިންޑިއާގައި ރިލީޒްކޮށްފި ނަމަ އެއީ ސަރުކާރުގެ އިރުޝާދުތަކާ ޚިލާފުވުން ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ނެޓްފްލިކްސްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ޓީމުން އުފައްދާފައިވާ މި ސީރީޒް އިންޑިއާގައި ސްޓްރީމްކުރާނެ ކަން ނުވަތަ ނޫން ކަން ނެޓްފްލިކްސް އިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނުގެ މަޝްހޫރު ލިޔުންތެރިޔާ ފަރުހަތު އިޝްތިޔާގްގެ ވާހަކައަކަށް ބިނާކޮށް މޯމިނާ ދުރައިދު ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގައި ތިން ޖީލެއްގެ މައްޗަށް ބެހިފައިވާ ލޯބީގެ ހަ ވާހަކައެއް ގެނެސްދެ އެވެ.

ޕާކިސްތާނާއި އިޓަލީ އަދި އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ މި ސީރީޒްގައި ފަވާދު ޚާން، މާހިރާ ޚާން، ސަނަމް ސައީދު، އަހަދު ރަޒާ މީރު، ހަމްޒާ އަލީ އައްބާސީ، އިގްރާ އަޒީޒް އަދި ހާނިއާ އާމިރު ކަހަލަ ޕާކިސްތާނުގެ އެންމެ މަގުބޫލު ތަރިން ބައިވެރިވެ އެވެ.

އެ ސީރީޒްގެ ޕޯސްޓަރާއި ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ނެޓްފްލިކްސްގެ މައި އެކައުންޓުން މި ސީރީޒްގެ ޓްރެއިލާ އިއްޔެ އާންމުކޮށްފައިވާއިރު، މިހާތަނަށް ޔޫޓިއުބުގައި އެކަނި ވެސް ވަނީ 1.5 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.