"ނޯޓީ 40" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

"ނޯޓީ 40" ގެ ޕްރޮމޯޝަނަލް އިވެންޓެއް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވާ އިރު، އެންމެ ފުރަތަމަ ޓިކެޓް ނަގާ މީހުންނަށް އެރޭ އޮލިމްޕަހުހައި ހިލޭ "ބައިވެރިޔާ" ބަލާލެވޭނެ.

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓްކޮށް، އަންނަ މަހުގެ 2 ގައި ޕްރިމިއާ ކުރަން ހަމަޖެހިފައިވާ ފިލްމް "ނޯޓީ 40" ގެ ޓިކެޓް މިއަދު މެންދުރު ފަހު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.


އެންވިޝަން އެންޓަޓައިންމަންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ މި ފިލްމުގެ 15 ޝޯ އޮލިމްޕަހުގައި ދައްކަން ވަނީ ނިންމައިފަ އެވެ.

"ނޯޓީ 40" ގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓް ވިއްކަނީ 200ރ. އަށް ކަމަށާއި ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100ރ. އަށް ކަމަށެވެ.

މިއަދު ޓިކެޓް ވިއްކަން ފެށި އިރު، ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓަކާ އެކު، މިދިޔަ އަހަރު އެންވިޝަނުން ގެނެސްދިން ކާމިޔާބު ފިލްމް "ބައިވެރިޔާ" ގެ ޝޯއެއް 14 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކާނެ އެވެ.

ޝަފީގް ބުނީ އެ ޝޯ އަށް ވަދެވޭނީ "ނޯޓީ 40" ގެ ޓިކެޓް އެންމެ ފުރަތަމަ ނަގާ ބަޔަކަށް ކަމަށެވެ.

"ނޯޓީ ފޯޓީގެ ޓިކެޓަކާ އެކު ބައިވެރިޔާގެ ޓިކެޓެއް ހިލޭ ދޫކުރާނެ. އޭގެ މާނައަކީ އެންމެ ކުރިން ޓިކެޓް ނަގާ ބަޔަކަށޭ ސާދަ ވަނަ ދުވަހުގެ ރޭ އޮލިމްޕުގައި އޮންނަ އިވެންޓެއް ވަދެވޭނީ،" އޭނާ ބުންޏެވެ.

"ބައިވެރިޔާ" ދެއްކުމުގެ އިތުރަށް އެރޭ "ނޯޓީ 40" ގެ ޕްރޮމޯޝަނަލް ޕޯސްޓަރުތަކާއި އޮފިޝަލް ޓްރެއިލާ ދައްކާލައި، ފިލްމުގައި ހިމެނޭ ލަވަތަކުގެ ޓީޒާތައް ވެސް ދައްކާލުން އޮންނާނެ އެވެ.

ޝަފީގް ބުނީ އޮގަސްޓް ދެ ވަނަ ދުވަހުގެ ރޭ "ނޯޓީ 40" ޕްރިމިއާ ކުރާ އިރު ވެސް ހާއްސަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

މާލެއާ އެކު އެކީގައި ބައެއް އަތޮޅުތަކުގައި ވެސް ފިލްމު ދައްކަން ވަނީ ނިންމައިފަ އެވެ.

"މިހާރު ވެސް އެބަހުރި ބައެއް ރަށްރަށުން ފިލްމް އަޅުވައި ދޭން އެދިފައި. އަދި ރަށްރަށުން ރިކްއެސްޓް ކުރަމުން ދިޔައިމަ އަޅުގަނޑުމެންގެ ސައިޑުންކޮށް ދޭން ޖެހޭ ކަންކަން ކޮށްދޭނަން ފިލްމް އަޅުވަން،" ޝަފީގް ބުންޏެވެ. "ޓާގެޓަކީ ހަމަ ވީހާ ވެސް ގިނަ ރަށްރަށުގައި ފިލްމް ދެއްކުން."

"ނޯޓީ 40" އަކީ ފިލްމުގައި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ނިއުމާ މުހައްމަދު، މުހައްމަދު މަނިކު އަހުމަދު ސައީދު، ފާތުމަތު އާޒިފާ (އަޒޫ)، މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ)، އިބްރާހީމް ޖިހާދު (ޖިމީ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ހިމެނެ އެވެ.

މީގެ އިތުރުން ވެސް ފިލްމުން ގިނަ ފަންނާނުންތަކެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި އަލަށް ތައާރަފުވާ އެކްޓަރުން ވެސް ހިމެނެ އެވެ.

"ނޯޓީ 40" އަކީ މި އަހަރު އަޅުވާ ފަސް ވަނަ ފިލްމެވެ.