އައިފާ އެވޯޑުގެ އެންމެ މޮޅު އެކްޓަރުންނަކީ ޝާހިދާއި އާލިއާ

އައިފާ އެވޯޑްސްގެ ބެސްޓް އެކްޓަރުގެ އެވޯޑު "އުޅްތާ ޕަންޖާބު" ކުޅެގެން ޝާހިދު ކަޕޫރަށް އަދި އެންމެ މޮޅު ބަތަލާގެ އެވޯޑު އާލިއާ ބަޓަށް ލިބިއްޖެ އެވެ.


އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި 18 ވަނަ އައިފާ އެވޯޑް ހަފުލާގައި އާލިއާ އެވޯޑާ ހަވާލުވުމަށް ފަހު ވަރުން ދަވަންއާ އެކު ކެޓުރީނާ ކައިފްގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން "ހެޕީ ބާތު ޑޭ" ލަވަ ކިޔައިދިނެވެ.

ސަލްމާން ޚާން، ކެޓުރީނާ ކައިފް، ޝާހިދު ކަޕޫރު، ކްރީތީ ސަނަން، ސުޝާންތު ސިންގް ރާޖްޕޫތު އަދި ސައިފް އަލީ ޚާނާއި ސޮނާކްޝީ ސިންހާ ފަދަ ތަރިން ބައިވެރިވި އެވޯޑު ޝޯ ހުށަހަޅައިދެނީ ކަރަން ޖޯހަރް އާއި ސައިފް އަލީ ޚާނެވެ.

އައިފާގެ އާލިއާ ޕާފޯމަންސް

މި ޝޯގައި ފުރަތަމަ ޕާފޯމްކޮށްފައި ވަނީ އާލިއާ ބަޓެވެ. ޕާފޯމަންސްގެ މެދުތެރެއިން އާލިއާ ވަނީ ވަރުން ދަވަން ވެސް އެ ނެށުމުގައި ބައިވެރިކޮށްފަ އެވެ. އާލިއާގެ ނެށުމަށް ބެލުންތެރިން ވަނީ ވަރަށް ބޮޑު ތަރުހީބެއް ދީފަ އެވެ. އޭގެ ފަހުން ސުޝާންތު ސިންގް ރާޖްޕޫތާއި ކްރީތީ ސަނަން ވެސް ޕާފޯމް ކުރި އެވެ. ސަލްމާން ޚާނާއި ކެޓުރީނާ ކައިފް އަދި ޝާހިދު ކަޕޫރު ވެސް ވަރަށް މޮޅު ޕާފޯމަންސްތަކެއް މި ހަފުލާގައި ވަނީ ހުށަހަޅައިދީފަ އެވެ.

މި ހަފުލާގައި އާލިއާ އަށް ވަނީ "ސްޓައިލް އައިކަން އޮފް ދަ އިޔާ"ގެ އެވޯޑު ދީފަ އެވެ. "ވުމަން އޮފް ދަ އިޔާ" އެވޯޑު ގެންދިޔައީ "ޕިންކް" އިން ތާޕްސީ ޕަންނޫ އެވެ. އެންމެ މޮޅު ވާހަކައިގެ އެވޯޑު "ކަޕޫރު އެންޑް ސަންސް" އަށް ލިބުނުއިރު ވަރުން ދަވަން ވަނީ އޭނާގެ ފުރަތަމަ އައިފާ އެވޯޑު ހާސިލު ކޮށްފަ އެވެ. ވަރުން އަށް ލިބުނު އެންމެ މޮޅު ކޮމިކް އެކްޓަރުގެ އެވޯޑު ލިބުނީ "ޑިޝޫމް" އިންނެވެ.

މިއުޒިކްގެ ކެޓަގަރީތަކަށް ދޭ ގިނަ އެވޯޑުތަކެއް ގެންގޮސްފައި ވަނީ ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އެވެ. އެންމެ މޮޅު މިއުޒިކް ކޮމްޕޯޒަރަކަށް ހޮވުނީ "އޭ ދިލް ހެ މުޝްކިލް" ގެ މިއުޒިކް ތައްޔާރުކޮށްދިން ޕްރީތަމް އެވެ. އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިއަކަށް ހޮވުނީ ހަމަ އެ ފިލްމުގެ "ބުލެޔާ" ލަވަ ކިޔައިދީގެން އަމޯތު މިޝްރާ އެވެ. ހަމަ އެ ފިލްމުގެ "ޗަންނަ މެރެޔާ" ލިރިކްސް ލިޔެދީގެން އެންމެ މޮޅު ލިރިކްސް ލިޔުންތެރިޔާގެ އެވޯޑު އަމީތާބު ބަޓާޗާރިޔާ ވަނީ ހޯދާފަ އެވެ. މި ފިލްމަށް އެވޯޑު ކެޓަގަރީން ނުލިބުނީ އެންމެ އެވޯޑެކެވެ. އެއީ އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑެވެ. މި އެވޯޑު ގެންދިޔައީ "އުޅްތާ ޕަންޖާބު"ގެ "ދާދާ ދަސޭ" ކިޔައިދީގެން ކަނިކާ ކަޕޫރާއި "އެއާލިފްޓް"ގެ "ސޯޗްނާ ސަކޭ" ކިޔައިދީގެން ތުލްސީ ކުމާރެވެ.

އައިފާގެ ޓުވީޓް

އެންމެ މޮޅު ނުބައިބައި އެކްޓަރަކަށް ހޮވުނީ "ނީރްޖާ"އިން ޖިމް ސަރްބް އެވެ. އަލަށް ތައާރަފްވީ އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބަތަލާ "ބެސްޓް ޑެބިއުޑާންޓް އެވޯޑު" ލިބިފައިވަނީ "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ"ގެ ބަތަލާ ދިޝާ ޕަޓާނީ އަށެވެ. މި ކެޓަގަރީގެ ފިރިހެން ބައިގެ އެވޯޑު ގެންދިޔައީ "އުޅްތާ ޕަންޖާބު" އިން ދިލްޖީތު ދޮސާންގް އެވެ.

ބެސްޓް ސަޕޯޓިން އެކްޓަރުގެ އަންހެން ބައިން އެވޯޑު ހޯދީ "ނީރްޖާ" އިން ޝަބާނާ އަޒްމީ އެވެ. އަދި މި ކެޓަގަރީގެ ފިރިހެން ބައިން އެވޯޑު ގެންދިޔައީ "އެމް.އެސް.ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އިން އަނޫޕަމް ކޭރް އެވެ.

އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ "ޕިންކް"ގެ ޑައިރެކްޓަރު އަނިރުއްދާ ރޯއި ޗައުދަރީ އެވެ. އަދި އެންމެ މޮޅު ފިލްމަކަށް ހޮވުނީ ސޯނަމް ކަޕޫރުގެ "ނީރްޖާ" އެވެ.

މި ހަފުލާގައި ވަނީ މިއުޒިކް ޑައިރެކްޓަރު އޭ.އާރް ރަހްމާން އިންޑަސްޓްރީގައި މަސައްކަތްކުރާތާ 25 އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކޮށްފަ އެވެ. އަދި ވަރުން ދަވަން ވަނީ އޭ.އާރް ރަހްމާނަށް ވަރަށް ފުރިހަމަ ޓްރިބިއުޓެއް ދީފަ އެވެ.

މި ޝޯ ނިމިފައި ވަނީ އާދިއްތަ ދުވަހު ރާއްޖޭ ގަޑިން މެންދުރު 12.00 އާ ކައިރިވެފައި ވަނިކޮށެވެ.