ލިންކިން ޕާކްގެ ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންގްޓަން މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް، ލިންކިން ޕާކްގެ ލީޑް ސިންގަ ޗެސްޓާ ބެނިންގްޓަން ދަންޖެހިގެން މަރުވެއްޖެ އެވެ.


ބެނިންގްޓަން މަރުވެފައި ވަނީ ލޮސްއެންޖެލަސްގައި ހުންނަ ބެނިންޓަންގެ ގޭގައި ބުރާސްފަތި ދުވަހު އެވެ. މަރުވި އިރު އުމުރަކީ 41 އަހަރެވެ. ދެ ކައިވެނި ކޮށްފައިވާއިރު، ހަ ދަރިން އެބަތިއްބެވެ.

ބެނިންގްޓަން މަރުވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބެނިންޓަން މަރުވިއިރު، އޭމާހެ ބޭންޑުން ދިޔައީ އަންނަ ހަފުތާގައި ޓުއާއެއް ދިނުމަށް ތައްޔާރުވަމުންނެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ބެނިންގްޓަންގެ އެންމެ ގާތް އެކަކު ކަމަށްވާ ސައުންޑްގާޑެންގެ ކްރިސް ކޯނެލްވެސް ވަނީ ދަންޖެހިގެން މަރުވެފަ އެވެ.

ލިންކިން ޕާކް 1996 ވަނަ އަހަރު އުފަންވީ ފަހުން 70 މިލިޔަނަށްވުރެ ގިނަ އަލްބަމް ވިއްކާފައިވެ އެވެ. އަދި ދެ ގްރެމީ އެވޯޑުވެސް ކާމިޔާބު ކުރި އެވެ.

އެ ބޭންޑުގެ ހިޓް ލަވަތަކުގެ ތެރޭގައި ފެއިންޓް، އިން ދި އެންޑް އަދި ކްރޯލިން ފަދަ އެތައް ލަވައެއް ހިމެނެ އެވެ. ލިންކިން ޕާކުން 2003 ވަނަ އަހަރު ނެރުނު މީޓިއޯރާ އަލްބަމް ވަނީ ބިލްބޯޑް 200 ޗާޓުގެ އެއްވަނާގައި ގިނަ ދުވަސްތަކަކު އޮތެވެ. އިންޑީ ރޮކް ތާރީހުގައި އެންމެ ކާމިޔާބު އަލްބަމްގެ ގޮތުގައި ވެސް ފާހަގަ ކުރެވެނީ އެ އަލްބަމެވެ.

އެންމެ ފަހުން ލިންކިން ޕާކުން އަލްބަމެއް ނެރެފައިވަނީ މި އަހަަރު އެވެ. ވަން މޯ ލައިޓްގެ ނަމުގައި ނެރުނު އެ އަލްބަމަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.