ޑާކް ރެއިން އެންޓަޓައިމަންޓުން އަންނަ އަހަރު ރިލީޒް ކުރާ ކްރައިމް ތުރިލާ "ގޮށްރާޅު" އިން، މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ވިދާލި ލަވަ ކިޔުންތެރިޔާ ހަސަން އިރްފާން (ޒަކިއްޓެ) ބޮޑު ސްކްރީނަށް ތައާރަފު ކުރަން ނިންމައިފި އެވެ.

އޭނާއަކީ މޯލްޑިިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލުމަށް ފަހު، ޑާކް ރެއިނުން އެންމެ ފަހުން ރިލީޒް ކުރި ފިލްމް "މީ ލޯތްބަކީ" އިން ފެނިގެން ދިޔަ ލަވަ ކިޔުންތެރިޔާ އިބްރާހީމް އަމާންގެ ބޭބެ އެވެ.

"ގޮށްރާޅު" ގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ޒަކިއްޓެ ފިލްމީ ދާއިރާ އަށް ތައާރަފު ކުރަނީ އޭނާގެ އެ ހުނަރު ހުރެގެން ކަމަށެވެ.

"ޒަކިއްޓެގެ ހުނަރު ފެނިފައި ތިބި ފިލްމީ ދާއިރާގެ ބައެއް މީހުން ވެސް ރެކޮމަންޑް ކުރީމަ އަހަރެމެން ގޮށްރާޅުގެ މުހިއްމު ރޯލެއް އޭނާ އަށް އޮފާ ކުރީ،" އޭނާ ބުންޏެވެ. "ކޮންމެހެން ވަކި މީހަކަށް ޗާންސް ދޭންވެގެން ކުރި ކަމެއް ނޫން މިއީ. ހަމަ ޔަގީނުން ވެސް ޒަކިއްޓެގެ އެކްޓިން ހުނަރު ގޮށްރާޅުން ވަރަށް ފުރިހަމަ އަށް ފެނިގެން ދާނެ."

"ގޮށްރާޅު" ގެ ރިހާސަލްގެ ތެރެއިން.
"ގޮށްރާޅު" ގެ ރިހާސަލްގެ ތެރެއިން.

"ގޮށްރާޅު" އަކީ މިދިޔަ އަހަރު ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމް "4426" ހެދި ޑައިރެކްޓަރު އަހުމަދު ޝިނާންގެ ދެވަނަ ފިލްމެވެ.

މި ފިލްމަކީ "ލޫދިފާ" ގަދަ ފިލްމްތައް ހަދާފައި އަދި ގައުމީ އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރިޕްޓަކަށް ހަދާ ފިލްމެކެވެ.

އަންނަ މަހުގެ ފަހުކޮޅަށް ޝޫޓިން ތާވަލްކޮށްފައިވާ "ގޮށްރާޅު" އިން ޒަކިއްޓެއާ އެކު، ޑާކް ރެއިންގެ ފެވަރިޓް ޖުމައްޔިލް ނިމާލް (ޖުމަލް) އާ އެކު ފިލްމީ ދާއިރާ އަށް އަލަށް ތައާރަފު ކުރާ އާ ބަތަލާއެކު ވެސް ފެނިގެން ދާނެ އެވެ. އަދި އާ އިތުރު އެކްޓަރުންތަކެއް ވެސް ފިލްމުން ފެންނާނެ އެވެ.

"ގޮށްރާޅު" ގެ ރިހާސަލްގެ ތެރެއިން.
"ގޮށްރާޅު" ގެ ރިހާސަލްގެ ތެރެއިން.

އެ މީހުން މިހާރު އަންނަނީ ފިލްމްގެ މަންޒަރުތައް ރިހާސް ވެސް ކުރަމުންނެވެ.

"ގޮށްރާޅު" ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ ޑާކް ރެއިންގެ ރަސްމީ ތާރީހު އެޕްރީލް 5 ގަ އެވެ.

މި ފިލްމްވެގެން ދާނީ އެ ސްޓޫޑިއޯ އިން އަންނަ އަހަރު ރިލީޒް ކުރާ ދެވަނަ ފިލްމަށެވެ. ފުރަތަމަ ފިލްމަކީ މާޗް 5 ގައި ރިލީޒް ކުރާ "ވަކިން ލޯބިން" އެވެ.