ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ސްޓޫޑިއޯއިން ވަގަށް ގެންދިޔަ އިކްޕްމަންޓްތަކުގެ ތެރެއިން ރޮނިންއެއް 500ރ. އަށް ބިދޭސީއަކަށް ވިއްކާލާފައި ވަނިކޮށް ފެނިފައިވާ ކަމަށް އެ ސްޓޫޑިއޯއިން ބުނެފި އެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ ސްޓޫޑިއޯ އިން ބުނި ގޮތުގައި މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ސްޓޫޑިއޯ ފަޅާލައިގެން ވަގަށް ގެންދިޔަ ތަކެތީގެ ތެރެއިން ކެމެރާތަކުގެ މޫވްމަންޓްތަކަށް ބޭނުންކުރާ ދެ ރޮނިންގެ ތެރެއިން އެކަތި ފެނުނީ ބަންގްލަދޭޝްގެ މީހަކަށް 500ރ. އަށް ވިއްކާފައި ވަނިކޮށެވެ. މިކަމާ ބެހޭ ގޮތުން އެ ސްޓޫޑިއޯ އިން މިރޭ ސޯޝަލް މީޑިއާގައި ބުނީ އޭތި ހޯދުނީ އަބްދުﷲ އިޔާން ކިޔާ މީހެއްގެ އެހީގައި ކަމަށެވެ. އަދި އެކަމަށްޓަކައި އޭނާ އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

ޑާކް ރެއިނުން ބުނި ގޮތުގައި ސްޓޫޑިއޯ ފަޅާލައިގެން ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނެނީ ދެ ރޮނިން އާރްއެސް2 އާއި ސިގްމާ 50-100 އެމްއެމްގެ ލެންސެކެވެ. މި ތަކެތީގެ އަގު 40،000-50،000ރ. އަށް އަރާނެ ކަމަށް އެތަނުން ބުނެފައިވެ އެވެ. މި ވައްކަމުގެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގުކަރަމުންނެވެ.

ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ ޑާކް ރެއިންގެ އަގުބޮޑު އިކްޕްމަންޓްތަކެއް ވަގަށް ނެގި އިރު، އެ ސްޓޫޑިއޯ އިން މިހާރު ވެސް އަންނަނީ ފިލްމީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބެލުންތެރިންނަށް ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި "ބީވީމާ"، "ނޮވެމްބާ" އަދި "ބަޅިނދު" ފާހަގަކޮށްލެވެ އެވެ.

މި ފަހުން "ގިރިޓީ ލޯބި" އާއި "ރޫމިއާ ޖަންނަތު" ކިޔާ ވެބް ސީރީޒްތަކެއް ވެސް ގެނެސްދިން ޑާކް ރެއިނުން ގެނެސްދީފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "އެންމެ ފަހު ވިންދާ ޖެހެންދެން"، "ވާށޭ މަށާއެކީ"، "ގޮށްރާޅު" އަދި "މާމުއި" ހިމެނެ އެވެ. އެ ސްޓޫޑިއޯ އަކީ ރާއްޖޭގެ ފުރަތަމަ ތުރީޑީ ފިލްމު ވެސް ގެނެސްދިން ތަނެވެ. އެއީ 2013 ގެ "ފަތިސްހަނދުވަރުގެ ފެށުން ތުރީޑީ" އެވެ.