މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ 40 ވަނަ އުފަން ދުވަސް މި މަހުގެ 20 ގައި ފާހަގަ ކުރާ އިރު، ފޭނުންނަށް ދޭން ސަޕްރައިޒްތަކެއް ހުރި ވާހަކަ ނިއުމާ ވަނީ ކުރިން ވެސް ބުނެފަ އެވެ.

މި މަހުގެ 20 ގައި ނިއުމާ އަންނަނީ ބެލުންތެރިންނަށް ހަދިޔާއެއް ދޭން ތައްޔާރުވަމުންނެވެ. އެއީ އޭނާގެ ފިލްމީ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަކުރަން ހަދަން ފެށި ވީސީޑީ "ސެލެބްރޭޓިން 20" އެ ތާރީހުގައި ރިލީޒް ކުރުމެވެ. މީގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިން ނަމަވެސް، އެކިއެކި ކަންކަން ދިމާވެގެން ވީސީޑީގެ މަސައްކަތް ދިގުލައިގެން ދިޔައީ އެވެ.

އެކަމަކު ނިއުމާ މިހާރު ހުރީ "ސެލެބްރޭޓިން 20" މި ފަހަރު ހަމަ ޔަގީނުން ވެސް މި އަހަރު ބެލުންތެރިންނަށް ދޫކޮށްލަން އަމާޒު ހިފައިފަ އެވެ. ޖުމްލަ ހަތް ލަވަ ހިމެނޭ މި ވީސީޑީގެ ލަވައެއްގެ ޝޫޓިންގައި ބ. ގޮއިދޫގައި ހުރެ، ހުނަރުވެރި ބަތަލާ ބުނީ މިހާރު ކުރިއަށް ދަނީ ނުނިމި އޮތް ދެ ލަވައިގެ މަސައްކަތް ކަމަށެވެ.

ނިއުމާގެ "ސެލެބްރޭޓިން 20" ގެ ކަވަރެއް: މި ވީސީޑީ އިއުލާން ކުރީ 2014 ގައި.
ނިއުމާގެ "ސެލެބްރޭޓިން 20" ގެ ކަވަރެއް: މި ވީސީޑީ އިއުލާން ކުރީ 2014 ގައި.

"މި ރަށުން އަހަރެމެން ފުރައިގެންދާ އިރު، ދެން ބާކީ އެއް ލަވަ ނުނިމި އޮންނާނީ. އޭގެ މަސައްކަތް ވެސް މާލެ ގޮސް ވަރަށް އަވަހަށް ފެށުމަށް ފަހު، މި މަހުގެ 20 ގައި ވީސީޑީ ނެރޭނަން،" ކާމިޔާބު އެތައް ފިލްމެއް ކުޅެ، އެތައް އެވޯޑެއް ހޯދާފައިވާ ނިއުމާ ބުންޏެވެ.

އޭނާ ބުނީ "ސެލެބްރޭޓިން 20" ގެ ވާހަކަ ފޭނުން ވެސް ވަރަށް ގިނައިން އަހާ ކަމަށާއި ލޯންޗް ކުރެވިފައި އޮތް އެއްޗަކަށްވާތީ އާންމުންނާ ހަމައަށް އެ ގެނެސް ދޭން ވަރަށް ބޭނުންވާ ކަމަށެވެ.

މި ވީސީޑީގެ ލަވަތަކުން ނިއުމާ އާއި އޭނާއާ އެކު ކުރިން މަސައްކަތްކޮށްފައިވާ އެކްޓަރުންނާއި މިހާރުގެ ބައެއް ޒުވާން އެކްޓަރުން ވެސް ފެނިގެން ދާނެ އެވެ.

މި ވީސީޑީގެ އެންމެ ހާއްސަ އެއް ކަމަކީ މީގެ ދެ ލަވައެއް ސީދާ ނިއުމާގެ އަޑުން ކިޔާފައިވާތީ އެވެ. މިހާރު އާންމު ވެސްކޮށްފައިވާ އެ ދެ ލަވައަކީ "ބެރުވެރިޔާ" އާއި "މޫނޭ ތިއީ ހިތް އެދޭ" އެވެ.

"ފަތިސްހަނދުވަރު" އާއި "ޔޫސުފް" އަދި "ކަލާޔާ ނުލާ" އާ ފަދަ ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާއެއް އަދި އެތައް ވީޑިއޯ ލަވައެއް ކުޅެފައިވާ ނިއުމާ ފިލްމީ ދާއިރާ އަށް ނުކުތީ 1994 ގަ އެވެ. މިހާރު ފިލްމް ކުޅުމަށް ވުރެ ބޮޑަށް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ބަތަލާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ މިދިޔަ އޮގަސްޓްގައި އެޅުވި "ނޯޓީ 40" އިންނެވެ.

އޭނާ އެންމެ ފަހުން ޕްރޮޑިއުސް ކުރި ފިލްމަކީ އަބްދުލް ފައްތާހާ ގުޅިގެން ގެނެސް ދިން "ހައްދު" އެވެ.

މި މަހުގެ 20 ގައި ނިއުމާގެ 40 ވަނަ އުފަން ދުވަސް ފާހަގަ ކުރާ އިރު، ފަހަރުގައި ސަޕްރައިޒަކަށް އޭނާގެ ދެވަނަ ޑައިރެކްޝަނެއް ވެސް އިއުލާންކޮށްފާނެ އެވެ. ދެހާސް ދިހައެއްގައި ޑައިރެކްޓްކޮށް، ޓައިޓްލް ރޯލް ކުޅުނު "ނިއުމާ" ވަނީ ވަނީ ކުރިން އެކަހަލަ އިޝާރާތެއް ވެސް ދީފަ އެވެ.