ސަރުކާރު ކުންފުންޏަކުން ވަޒީފާއެއް ދިން ކަމަށް ބުނެ ފާޑުކިޔައި، ކުރީގެ ފިލްމީ ތަރި ނިއުމާ މުހައްމަދަށް ފުރައްސާކޮށް އުޅެން ދަތިކޮށްފި ކަމަށް އޭނާ ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމީ ތަރި ނިއުމާއަށް ސަރުކާރު ކުންފުންޏަކުން ބޮޑު މުސާރައެއްގައި ވަޒީފާއެއް ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ފިލްމު ކުޅޭ އެކި މީހުންނަށް ސަރުކާރުން ވަޒީފާތައް ދެމުންދާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މި ފާޑުކިޔުންތައް ބޮޑުވުމުގެ ސަބަބުން ނިއުމާ އޭނާގެ ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ތަނެއްދޮރެއް ބެލުމެއް ނެތި ސޯޝަލް މީޑިއާގައި މީހުން އޭނާ "ރޮލާ ކާލަނީ" ކަމަށެވެ.
އޭނާއަށް 40،000ރ. ލިބޭ ވަޒީފާއެއް ނުދޭ ކަމަށާއި އެވަރުގެ މުސާރައެއް ދީފައި ގޭގައި ބަހައްޓާނެ ނަމައޭ ހިތަށް އަރާ ކަމަށް ނިއުމާ ބުންޏެވެ.
ނަމަވެސް، އޭނާ ވަޒީފާއެއް އަދާކުރާ ކަމެއް ނުވަތަ ނޫން ކަމަކަށް ވެސް ނިއުމާ ނުބުނެ އެވެ.
ނިއުމާ ފޭސްބުކްގައި މިރޭ ކުރި އިތުރު ޕޯސްޓެއްގައި ބުނީ މި މައްސަލައިގައި އިއްޔެއިން ފެށިގެން މިހާތަނަށް 1،500 އަށް ވުރެ ގިނަ ފޯނު ކޯލާއި 400 އަށް ވުރެ ގިނަ މެސެޖު އޭނާއަށް ލިބިފައިވާ ކަމަށެވެ.
ނިއުމާއަށް ވަޒީފާ ދީފައިވާ ކަމަށް ބުނެ ކުރި ޕޯސްޓުގައި އޭނާގެ ފޯނު ނަންބަރު ވެސް ފެންނަން އޮތެވެ.
ގިނަ އަދަދެއްގެ ޑްރާމާތަކާއި ފިލްމުތަކުގެ އިތުރުން ލަވަތައް ވެސް ކުޅެފައިވާ ނިއުމާ ބުނީ އެ ކަންތައްގަނޑު ބޮޑުވެގެން އެންމެފަހުން އޭނާގެ ފޯނު ނަންބަރުގެ ހިދުމަތް ވެސް މިހާރު ކަނޑާލާފައިވާ ކަމަށެވެ.
ނިއުމާ މީގެ ކުރިން ވެމްކޯގެ އިދާރީ ވަޒީފާއެއްގައި ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް، އަހަރެއްހާ ދުވަސް ވެސް ނުވަނީސް އޭނާ ވަނީ އެ ވަޒީފާއިން ކެނޑިފަ އެވެ.
ދިވެހި ސިނަމާގެ އެންމެ ކާމިޔާބު އަދި ކުޅަދާނަ ތަރި ނިއުމާ ފިލްމު ކުޅުން ހުއްޓާލައި ރިޓަޔާކުރީ 2019 ވަނަ އަހަރު އެވެ. އެއީ އެ އަހަރު ނެރުނު، އޭނާ ކުޅުނު ފަހު ފިލްމު "ނިވައިރޯޅި" އަށް ފަހުގަ އެވެ.
ފިލްމު ކުޅުން ހުއްޓާލި ނަމަވެސް، ކެމެރާ ފުރަގަހަށް ގޮސް، ފިލްމުތައް ޕްރޮޑިއުސްކުރުމުގައި އަދިވެސް ނިއުމާ އުޅެ އެވެ.
އެ ވަރުގެ ކާމިޔާބު އެކްޓްރެސްއެއް ދިވެހި ސިނަމާއަށް އަދި ނާދެ އެވެ. އެވަރުގެ މަޝްހޫރު ކަމެއް ލިބުނު ތަރިއަކު ވެސް އަދި ނެތެވެ.
ނިއުމާއަކީ ފިލްމީ ދާއިރާއިން ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ތަރިއެކެވެ. ނިއުމާގެ ނަމުން ނަން ދީގެން އޭނާ ޑައިރެކްޓްކުރި އަދި ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ނިއުމާ" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް އޭނާއަށް ލިބުނެވެ.
ނިއުމާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 1997 ގައި ނުކުތް ޑައިރެކްޓަރު އީސާ ޝަރީފްގެ "ފަތިސް ހަނދުވަރު" އާއި 2003 ވަނަ އަހަރު ނުކުތް "ގިނި ހިލަ" އަދި ހަމަ އެ އަހަރު ނުކުތް ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "ކަލާޔާނުލާ" ހިމެނެ އެވެ.
"ދަރިންނަށްޓަކައި" އާއި "ޔޫސުފް" ކަހަލަ މަޝްހޫރު އެތައް ފިލްމެއް އޭނާ ކުޅެފައިވެ އެވެ.