ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް، މިނިސްޓަރުންގެ ފެންވަރުގެ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަންކުރައްވައި، އެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް ގ. ފިނިވިލު، މުހައްމަދު ތޮލާލް އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރެއްވީ ގދ. ތިނަދޫ ޝިފާ، އަހުމަދު ހަބީބް އެވެ.
އެ ދެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވިއިރު ޕޮލިސީ ސެކްރެޓަރީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކުރިން ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު މިހާތަނަށް ސާފެއް ނޫނެވެ.
ޓާޝަރީ ހެލްތު ސާވިސްގެ މަގާމަށް އައްޔަން ކުރެއްވި ތޮލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގަ އެވެ.
އޭނާ ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރުގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަ ޖެނެރަލްކަމުގެ މަގާމާއި ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޓެކްނިކަލް އެޑްވައިޒާ ޓު ދަ މިނިސްޓަރުގެ މަގާމާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވި ހަބީބް މީގެ ކުރިން ހުންނެވީ ވިލާ އެއާގެ ޖެނަރަލް މެނޭޖަރު ކަމުގަ އެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ހަބީބް ވަނީ ވިލާ ހަކަތައިގެ މެނޭޖަރުގެ މަގާމާއި ވިލާ އެއާގެ ކާޑެއްދޫ އެއާޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ކުރައްވައިފަ އެވެ.
އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓާ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.