ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އިބްރާހީމް ނަޒީމް، އޭނާ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.

އާރުޑީސީން ނަޒީމް އިއްޔެ ވަކިކުރީ އެ ކުންފުނި އުވާލަން ނިންމާފައިވާތީވެ އެވެ. ވަގުތީ ގޮތުން އެ ކުންފުނި ހިންގުން ހަވާލުކުރީ، ކުރިއަށް އޮތްތަނުގައި އެ ތަނުގެ މަސައްކަތް ބަދަލުކުރަން ހަމަޖެހިފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ އެވެ.

ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް މީގެ ހަ އަހަރު ކުރިން އުފެއްްދި އާރުޑީސީ އުވާލައި، މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޔޫތު މިނިސްޓްރީގައި ނަޒީމް ކުރިން މަސައްކަތްކުރެވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގަ އެވެ. އެ މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވަންދެން ފުރުއްވި އެވެ. އޭނާގެ އެންމެ ހާއްސަ ދާއިރާއަކީ ވެސް ކުޅިވަރެވެ.

ނަޒީމަކީ މިހާރު ވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ވިކްޓްރީގެ ނައިބް ރައީސެވެ. އޭނާ އަކީ ދެކުނު އޭޝިއާގެ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ވޮލީބޯޅަ ރެފްރީ ވެސް މެ އެވެ.

ބީޗް ވޮލީގެ ބައިނަލްއަގުވާމީ ރެފްރީ ކޯސް 1996 ވަނަ އަހަރު ފުރިހަމަ ކުރުމަށް ފަހު، ނަޒީމް ވަނީ ވޯލްޑް ޓުއާގައި ރެފްރީކަން ކޮށްފަ އެވެ.

ރަސްމީ މަސައްކަތުގެ ކެރިއަރުގައި ނަޒީމް ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.