ކޭޓް އާއި ކެމެރެން އެންމެ ފުރަތަމަ މަސައްކަތް ކުރީ 1997 ގައި ރިލީޒް ކުރި "ޓައިޓޭނިކް" ގައި.
ކޭޓް ވިންސްލެޓް: "އެވެޓާ" ގެ ސީކްއެލްތަކުން އޭނާ ފެންނާނެ.
05 އޮކްޓޯބަރ 2017 - 06:14
ޖޭމްސްގެ ކެމެރެންގެ "އެވެޓާ" ގެ ކުރިއަށް އޮތް ހަތަރު ވަނަ ފިލްމުގެ ކާސްޓުން ވަރަށް ޒުވާން މޫނުތަކެއް ފެންނާނެކަން އިއުލާންކޮށްފައި ވަނިކޮށް، އަނެއްކާ ވެސް "އެވެޓާ" ގެ ޓީމުން ފޭނުންނަށް ވަރަށް އުފާވެރި ހަބަރެއް ދީފި އެވެ.
މީގެ 20 އަހަރު ކުރިން ކެމެރަންގެ "ޓައިޓޭނިކް" ގައި ބަތަލާގެ ރޯލް ކުޅުނު އަދި އޮސްކާ ހޯދާފައިވާ ބަތަލާ ކޭޓް ވިންސްލެޓް "އެވެޓާ" ގެ ސީކްއެލްތަކުން ފެންނާނެކަން ކެމެރަން މި ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭނާ ބުނީ "ޓައިޓޭނިކް" އަށް ފަހު، ކޭޓްއާ އެކު މަސައްކަތްކޮށްލާނެ ފުރުސަތަކަށް ބަލަމުން ދިޔަ ކަމަށެވެ.
"އަހަރެމެން ދެ މީހުން އަލުން އާ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްލަން ވާހަކަ ދައްކާތާ ވެސް ވިހި އަހަރުވެއްޖެ. އެންމެ ފަހުން އެވެޓާއާ އެކު މިކަން ހަގީތަކަށްވާތީ އަހަރެން މިހިރީ ކޭޓާ އެކު ސެޓުން ބައްދަލުކުރަން ކެތްމަދުވެފައި،" މި މަހުގެ ހައެއްގައި ރިލީޒް ކުރާ "ދަ މައުންޓެއިން ބިޓްވީން އަސް" ގެ ބަތަލާއާ ބެހޭ ގޮތުން ކެމެރެން ބުންޏެވެ.
އޭނާ ބުނީ ކޭޓް "އެވެޓާ" ގެ ފިލްމްތަކުގައި ކުޅޭނީ ރޮނާލް ކިޔާ ކެރެކްޓާއެއް ކަމަށެވެ. އެކަމަކު އޭގެ މާ ބޮޑު ތަފުސީލެއް ނުދެ އެވެ. "އެވެޓާ 2" ގެ ޝޫޓިން މިދިޔަ ހަފުތާގެ ތެރޭގައި ކެލިފޯނިއާގައި ވަނީ ފަށައިފަ އެވެ.
"އެވެޓާ" ކުރިއަށް ހުރި ފިލްމްތަކުން ފެންނާނެ ޒުވާން ކާސްޓް.
"އެވެޓާ 2" ރިލީޒް ކުރަން ތާވަލްކޮށްފައި ވަނީ ޑިސެމްބަރު 18، 2020 ގަ އެވެ. މީގެ ތިން ވަނަ ބައި ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 17، 2021 ގަ އެވެ. އަދި ހަތަރު ވަނަ ބައި ޑިސެމްބަރު 20، 2024 ގައި ރިލީޒް ކުރާ އިރު ފަސް ވަނަ ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނީ ޑިސެމްބަރު 19، 2025 ގަ އެވެ.
"އެވެޓާ" ގެ ސީކްއެލްތަކުން ކާސްޓަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، މީގެ ޕްރިކްއެލް އިން ފެނިގެން ދިޔަ މުހިއްމު ރޯލްތައް ކުޅުނު ޒޯއީ ސަލްޑާނާ އާއި ސޭމް ވޯތިންޓަން އަދި ސިގޯނީ ވީވާ އާއި ސްޓެފެން ލެންގް ވެސް ސީކްއެލްތަކުން ފެނިގެން ދާނެ އެވެ. އަދި އަލަށް ކާސްޓާ ގުޅުނު ތަރިންގެ ތެރޭގައި "ގޭމްސް އޮފް ތުރޯން" ގެ ތަރި އޫނާ ޗެޕްލިން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy