ހޮލީވުޑްގެ ކާމިޔާބު ފެންޓަސީ ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ފިލްމަށް ވެސް ދުނިޔޭގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.  

"އެވެޓާ: ފަޔާ އެންޑް އޭޝް" ގެނެސްދޭ ވޯލްޓް ޑިޒްނީ ސްޓޫޑިއޯސް އިން މިދިޔަ އާދިއްތަ ދުވަހު ބުނީ އެ ފިލްމުގެ ޓިކެޓު ވިއްކައިގެން ދުނިޔޭގެ ބޮކްސް އޮފީހުގައި 1.03 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. 

"އެވެޓާ"ގެ ފުރަތަމަ ދެ ފިލްމަށް ވެސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، ހުރިހާ ފިލްމަކަށް ލިބުނު އާމްދަނީއާ އެކު، އެ ފްރެންޗައިޒްގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 6.35 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. 

"އެވެޓާ: ފަޔާ އެންޑް އޭޝް" މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ހަތަރު ވަނަ ފިލްމެވެ. މިދިޔަ އަހަރު ބިިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ ފިލްމަކީ ޑިޒްނީގެ "ލީލޯ އެންޑް ސްޓިޗު" އާއި "ޒޫޓޯޕިއާ 2"  އަދި ޗައިނާގެ އެނިމޭޓެޑް ފިލްމެއް ކަމަށްވާ "ނެ ޒާ 2" އެވެ.  

މިދިޔަ މަހު 19 ގައި ޕްރިމިއާކުރި "އެވެޓާ: ފަޔާ އެންޑް އޭޝް"އަކީ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. 

ބޮކްސް އޮފީހުގެ އެންމެ ކުރީގައި އަދިވެސް ކެމެރަން 

"އެވެޓާ: ފަޔާ އެންޑް އޭޝް" އަކީ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި، ޑައިރެކްޓަރު ޖޭމްސް ކެމެރަންގެ ހަތަރު ވަނަ ފިލްމެވެ. އެއީ އަދި އެހެން އެއްވެސް ޑައިރެކްޓަރަކަށް ލިބިފައިވާ ކާމިޔާބީއެއް ނޫނެވެ. 

ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ކެމެރަންގެ ފުރަތަމަ ފިލްމަކީ 1997 ގައި ގެނެސްދިން ކްލެސިކް ފިލްމު "ޓައިޓޭނިކް" އެވެ. އަދި "އެވެޓާ"ގެ ފުރަތަމަ ދެ ފިލްމަށް ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. 

ކެމަރަން 2009 ވަނަ އަހަރު ގެނެސްދިން "އެވެޓާ"ގެ ފުރަތަމަ ފިލްމީ ދުނިޔޭގައި ވެސް މިހާތަނަށް އެޅުވި އެންމެ ކާމިޔާބު އެއް ފިލްމެވެ. ބޮކްސް އޮފީހުގައި 2.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެ ފިލްމަކީ މިއަދާ ހަމައަށް ވެސް، އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު ދަމަހައްޓާ ފިލްމެވެ. އަދި 2022 ވަނަ އަހަރު ގެނެސްދިން "އެވެޓާ"ގެ ދެވަނަ ފިލްމަށް 2.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. 

ނަމަވެސް، ތިންވަނަ ފިލްމަށް ދެ ބިލިއަން ޑޮލަރު ހުރަސްކުރެވިދާނެ ކަމާ މެދުގައި އަދި ވަނީ ސުވާލު އުފެދިފަ އެވެ. 

"އެވެޓާ" ޖުމްލަ ހަތަރު ސީކުއެލްއެއް އިއުލާންކޮށްފައިވެ އެވެ. ތިންވަނަ ފިލްމު މިހާތަނަށް ގެނެސްދީފައިވާއިރު، ހަތަރު ވަނަ ފިލްމު ގެނެސްދެނީ އަންނަ އަހަރު އެވެ. އަދި ފަސްވަނަ ފިލްމު ގެނެސްދެނީ 2029 ގަ އެވެ.