ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު އެއް ބަތަލާ ނިއުމާ މުހައްމަދު ލީޑް ރޯލް ކުޅޭ އާ ފިލްމެއް ރޭ ލޯންޗުކޮށް، އެއީ އޭނާގެ އެންމެ ފަހު ފިލްމުކަން، ދަރުބާރުގޭގައި، އިއުލާންކޮށްފި އެވެ.

ނިއުމާގެ ފިލްމީ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފުލާގައި އޭނާ ބުނީ "މިރޭ އަޅުގަނޑު ފިލްމީ ދާއިރާއިން ރަސްމީކޮށް މި ރިޓަޔާކުރީ" ކަމަށެވެ. ނަމަވެސް އޭނާގެ ފަހު ފިލްމަކީ "ލޫދިފާ" ފަދަ ފިލްމުތައް ހަދައިގެން ގައުމީ އެވޯޑް ހާސިލުކޮށްފައިވާ މޫމިން ފުއާދު ޑައިރެކްޓް ކުރާ "ނިވައިރޯޅި" ކަމަށް ބުންޏެވެ.

މި ފިލްމު އަންނަ އަހަރުގެ އޮކްޓޯބަރުގައި ސިނަމާ އަށް ގެންނާނެކަން ވެސް ރޭ އިއުލާންކުރި އެވެ.

ނިއުމާގެ ލަވަ ކަލެކްޝަން "ސެލެބްރޭޓިން 20" ނެރުމުގެ ހަފުލާގައި "ނިވައިރޯޅި" އާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ނިއުމާގެ ފަހު ފިލްމު "ނިވައިރޯޅި" ނަހުލާ ލޯންޗްކޮށް ދެނީ --ފޮޓޯ/ ހުސައިން ވަހީދު.
ނިއުމާގެ ފަހު ފިލްމު "ނިވައިރޯޅި" ނަހުލާ ލޯންޗްކޮށް ދެނީ --ފޮޓޯ/ ހުސައިން ވަހީދު.

ފިލްމުގެ ފަސްޓްލުކް ލޯންޗްކޮށް ދިނީ ނިއުމާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަލާޔާ ނުލާ" އާއި "ޔޫސުފް"ގެ ޑައިރެކްޓަރު ފާތުމަތު ނަހުލާ އެވެ.

"މި ފިލްމަކީ އަޅުގަނޑަށް އަޅުގަނޑުގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ފިލްމެއް. ފަހަރުގައި މިދާއިރާ އަށް ވެސް ވަރަށް ހާއްސަ ފިލްމަކަށް ވެދާނެ،" ނިއުމާ، 40، ބުންޏެވެ.

"މިއީ އަޅުގަނޑު އެކްޓަރެއްގެ ގޮތުގައި ފެންނަ ފަހު ފިލްމު."

ހަފުލާގައި ނިއުމާ ވަނީ އޭނާގެ ބައޮގްރަފީއެއްގެ މަސައްކަތް ކުރަމުން އަންނަކަން ވެސް އިއުލާންކޮށްފަ އެވެ. "މައި ސްޓޯރީ" ގެ ނަމުގައި އެ ބަޔޮގްރަފީ ނިއުމާއާ ގުޅިގެން ލިޔަނީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރެވެ.

އަންނަ އަހަރުގެ އޮކްޓޯބަރުގައި ނެރޭ ބައޮގްރޮފީ އިއުލާންކޮށް ދިނީ ބަތަލާ އާރިފާ އިބްރާހީމެވެ.

ނިއުމާ ބުނީ "މައި ސްޓޯރީ" ގައި އޭނާގެ ފިލްމީ ކެރިއަރާއި އަމިއްލަ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ނޭނގޭ ވަރަށް ގިނަ ވާހަކަތައް އާންމުންނާ ހަމައަށް ތިލަކުރާނެ ކަމަށެވެ. މިއީ ރާއްޖޭގެ ފިލްމީ ތަރިއެއްގެ ފުރަތަމަ ބައޮގްރަފީ އެވެ.

ނިއުމާގެ ބައޮގްރަފީ "މައި ސްޓޯރީ" އާރިފާ ލޯންޗްކޮށް ދެނީ --ފޮޓޯ: ހުސައިން ވަހީދު
ނިއުމާގެ ބައޮގްރަފީ "މައި ސްޓޯރީ" އާރިފާ ލޯންޗްކޮށް ދެނީ --ފޮޓޯ: ހުސައިން ވަހީދު

"މީހުން ހިތަށް އަރާފާނެ ނިއުމާއާ ބެހޭ ގޮތުން ނޭނގޭ ވާހަކަތަކެއް އެބަ އޮތްހޭ؟ ނޭނގޭ އެތައް ވާހަކަތަކެއް އެބަހުރި،" ނިއުމާ ބުންޏެވެ.

"އެ ވާހަކަތައް މި ފޮތުގައި ހުންނާނެ."

ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުންނާ އެކު ބޭއްވި ކުލަގަދަ ހަފުލާގައި ނެރުނު "ސެލެބްރޭޓިން 20" އަކީ ހަތް ލަވަ ހިމެނޭ ކަލެކްޝަންއެކެވެ. މި ލަވަތަކުން ބަތަލާއެއްގެ ގޮތުގައި މުޅިން ވެސް ފެންނާނީ ނިއުމާ އެވެ. އެކަމަކު އޭނާއާ އެކު ތަފާތު އެކްޓަރުން ފެނިގެން ދާނެ އެވެ.

ޕެން ޑްރައިވްގައި ވިއްކާ ""ސެލެބްރޭޓިން 20" ގެ ދެ ލަވައެއް ނިއުމާގެ އަޑުން ކިޔާފައި ވެސް ވެ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފީޗާ ފިލްމު ކުޅުނު ބަތަލާގެ ރިކޯޑް އޮތް ނިއުމާ ފިލްމީ ދާއިރާ އަށް ނިކުތީ 1994 ގަ އެވެ. މިހާރު ޕްރޮޑިއުސަރެއްގެ ޒިންމާ ނަގަމުން އަންނަ ބަތަލާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ މި އަހަރު ރިލީޒް ކުރި "ނޯޓީ 40" އިންނެވެ.