ސޭމް މެންޑޭޒް: ޑިޒްނީގެ "ޕިނޯކިއޯ" ގެ ޑައިރެކްޓަރުގެ ގޮނޑިން އޭނާ ނުފެންނާނެ.
16 ނޮވެމްބަރ 2017 - 06:43
ޑިޒްނީން ކުރިން ގެނެސް ދީފައި ހުރި އެނިމޭޓެޑް ފިލްމްތަކުގެ ތެރެއިން ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ފިލްމް "ޕިނޯކިއާ" ގެ ޑައިރެކްޓަރު ސޭމް މެންޑޭޒް އެ ފިލްމް ދޫކޮށްލައިފި އެވެ.
ޑިޒްނީން އޭނާއާ ވާހަކަ ދައްކައި، އެއްބަސްވުމަކާ ހަމައަށް ގޮސްފައި ވަނިކޮށް، އެ ފިލްމް މެންޑޭޒް ދޫކޮށްލި ސަބަބެއް ހާމައެއް ނުކުރެ އެވެ. މީގެ ކުރިން ވެސް މަޝްހޫރު ބަތަލާ ކޭޓް ވިންސްލެޓްގެ ކުރީގެ ފިރިމީހާ ވަނީ ޑިޒްނީގެ އެހެން ލައިވް-އެކްޝަން ފިލްމެއް ނުހަދައި ދޫކޮށްލައިފަ އެވެ. އެއީ "ޖޭމްސް އެންޑް ދަ ޖަޔަންޓް ޕީޗް" އެވެ.
"ޕީނޯކިއޯ" ޑައިރެކްޓް ނުކުރަން މެންޑޭޒް ނިންމުމާ ގުޅިގެން، ޑިޒްނީން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެހެންވެ ފިލްމްގެ ޑައިރެކްޓަރުގެ ގޮނޑި ދެން ހޫނު ކުރާނީ ކާކު ކަމެއް ނޭނގެ އެވެ.
"ޕިނޯކިއާ" އަކީ ޑިޒްނީން 1940 ގައި ރިލީޒް ކުރި އެނިމޭޓެޑް ފިލްމަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔަނީ މިދިޔަ އަހަރު ރިލީޒް ކުރި "ސްޓާ ވޯސް: ދަ ރޯގް ނޭޝަން" ގެ ސްކްރީންރައިޓަރު ކްރިސް ވެއިޒް އެވެ.
ބިލް ކޮންޑޮން ޑައިރެކްޓްކޮށް، މި އަހަރު ރިލީޒް ކުރި ކުރި "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލައިވް-އެކްޝަން ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބާ އެކު، ޑިޒްނީން ވަނީ "އަލައްދިން" އާއި "ލަޔަން ކިންކް" އަދި "ޑަމްބޯ" ގެ ލައިވް-އެކްޝަން ފިލްމްތައް ވެސް ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފަ އެވެ.
މި ފިލްމްތަކުގެ ތެރެއިން ޓިމް ބާޓްން ޑައިރެކްޓް ކުރާ "ޑަމްބޯ" އާއި ގައި ރިޗީ ޑައިރެކްޓް ކުރާ "އަލައްދިން" މިހާރު އޮތީ ހެދުމުގެ މަރުހަލާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy