ދާދިފަހުން ސްޕެއިންގެ މެޑްރިޑްގައި ބޭއްވި އައިފާ އެވޯޑު ރަސްމިއްޔާތުގައި ބައިވެރިވި ބޮލީވުޑް ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ސަލްމާން ޚާންގެ މެދުގައި މައްސަލަތަކެއް ޖެހި ދެ މީހުން މިހާރު ފިނި ހަނގުރާމައެއްގައި އުޅޭ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރެން ފަށާފަ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މައްސަލަތައް ފެށުނީ މި އެވޯޑު ޝޯގައި ރިތިކާ އެކު ސްޓޭޖުގައި ޕާފޯމްކުރަން ޑެއިޒީ ޝާހްގެ ނަން ސަލްމާން ހުށަހެޅުމުންނެވެ.
"ރިތިކާ އެކު ޑެއިޒީ ޕާފޯމްކުރާ ގޮތަށް ސަލްމާން ޚިޔާލު ހުށަހެޅުމުން އެ ވަގުތު ރިތިކަށް އިންކާރުކުރަން ނުކެރިގެން އޯކޭ އޭ ބުނީ. ނަމަވެސް ފަހުން ޝޯގެ އޮގަނައިޒަރުން ކައިރިއަށް ރިތިކް ގޮސް އެ މައްސަލަ ޖެއްސި. ޑެއިޒީއާ އެކު ޕާފޯމްކުރަން މަޖްބޫރުކުރަންޏާ އެ ޝޯގައި ޕާފޯމްނުކުރާނެކަމަށް ބުނެ އޮގަނައިޒަރުންނަށް ރިތިކް އިންޒާރުވެސް ދިން. އެންމެ ފަހުން ރިތިކް ޕާފޯމްކުރީ ޑެއިޒީ އާ ނުލާ،" މި ޝޯ އިންތިޒާމްކުރުމުގައި އުޅުނު މީހަކު ބުނެފައިވެ އެވެ.
ރިތިކް އާއި އޮގަނައިޒަރުންނާ ދެމެދު ދެކެވުނު ވާހަކަތައް ސަލްމާނަށް އެނގުމުން އޭނާ ވަރަށް ރުޅިއައި ކަމަށްވެ އެވެ. ސަލްމާން ދިން ޚިޔާލަށް ރިތިކްގެ އެއްވެސް މައްސަލައެއް އޮތް ނަމަ އޭނާ ގާތު އެވަގުތު ބުނި ނަމަ ރިތިކްގެ ބަހަށް އިހްތިރާމްކޮށް ޑެއިޒީ އާ އެކު ރިތިކް ޕާފޯމްކުރުމަށް ބާރު ނާޅާނެކަމަށް ސަލްމާން ބުނި ކަމަށްވެ އެވެ.
ރިތިކް ވެސް ސަލްމާން ރުޅިއައިސްފައި ހުރެދާނެތީ ސަލްމާން ހުންނަ ތާކަށް ވެސް ދާކަށް ބޭނުމެއް ނުވި އެވެ. އެފަދަ ވަގުތެއްގައި ދެ މީހުން ބައްދަލުވެއްޖެ ނަމަ ހިތްހަމަނުޖެހޭ ކަންތައްތަކެއް ހިނގާފާނެތީ ޝޯގެ ފަހުން އޮތް ޕްރެސް ކޮންފަރެންސްގައި ވެސް ބައިވެރިނުވެ އަދި ފަހުން ސަލްމާން ދިން ޕާޓީގައި ވެސް ރިތިކް ބައިވެރިއެއް ނުވެ ޝޯ ނިމުމާ އެކު އަވަހަށް އެތަނުން ނުކުމެގެން ދިޔައީ އެވެ.
ސަލްމާނަކީ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ލަވަ ކިޔުންތެރިންނާއި މިއުޒިކް ޑައިރެކްޓަރުންނަށް ބޮލީވުޑުން ފުރުސަތު ހޯދައިދޭ މީހެއް ނަމަވެސް ވަރަށް ގިނަ މީހުންނާ މައްސަލަ ޖެހިފައިވެ އެވެ. އެގޮތުން ރަންބީރު ކަޕޫރު، އަބީޝެކް ބައްޗަން، އައިޝްވަރިޔާ ރާއި ފަދަ ވަރަށް ގިނަ މީހުން މިހާރު ވެސް ސަލްމާނާ އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކަ އެވެ.