"ސްޕައިސް ގާލްސް" ރިޔުނިއަން ޓުއާއަކަށް ނުކުންނާކަށް ނޫޅޭ: ވިކްޓޯރިއާ

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު އަންހެން ބޭންޑް "ސްޕައިސް ގާލްސް" ގެ ހުރިހާ މެމްބަރުން އަލުން އެއްތަންވެ، ޓުއާއަކަށް ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް 2016 ވަނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ދެކެވުނެވެ. އެހެންވެ އެ މީހުންގެ ރިޔުނިއަން އަށް އެތައް ބަޔަކު ވަނީ އިންތިޒާރު ކުރަން ވެސް ފަށައިފަ އެވެ.


އެކަމަކު މިހާރު ބުނަނީ އަލުން ޓުއާއަކަށް ނުކުންނަން އެ މީހުން ނިންމާފައި ނުވާ ކަމަށެވެ. ދާދި ފަހުން "ސްޕައިސް ގާލްސް" ގެ މެމްބަރުން ލަންޑަންގެ ރެސްޓޯރަންޓެއްގައި މެންދުރު ކެއުމަކަށް އިންސާފު ކުރަން ތިއްބައި، ފެނުމާ ގުޅިގެން ވެސް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ލަސްތަކެއް ނުވެ، އެ މީހުންގެ ޓުއާ އިއުލާންކޮށްފާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ބޭންޑްގައި ޕޯޝް ސްޕައިސްގެ ނަމުން މަޝްހޫރުވި އަދި އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެލަމްއާ ކައިވެނިކޮށް ހަތަރު ދަރިން ވެސް ލިބިފައިވާ ވިކްޓޯރިއާ ބެކަމް ބުނީ އަލުން ސްޓޭޖަށް ނުކުންނަން ނިންމާފައި ނެތް ކަމަށެވެ.

Love my girls!!! So many kisses!!! X Exciting x #friendshipneverends #girlpower

A post shared by Victoria Beckham (@victoriabeckham) on

"ސްޕައިސް ގާލްސް" ފެ ފަސް މެމްބަރުން މި މަހުގެ ދެ ވަނަ ދުވަހު ފޮޓޯއަކަށް އެތުރިލައިގެން.

"އެކަހަލަ ޕްލޭނެއް އަހަރެމެންގެ ތެރެއަކު ވެސް ނެތް. ޔަގީނުން ވެސް އަހަރެން އަލުން ލަވަ ކިޔަން ސްޓޭޖް މައްޗަކަށް ނާރާނަން،" މިހާރު ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ވިކްޓޯރިއާ ވޯގް މަޖައްލާ އަށް ބުންޏެވެ.

އޭނާ ބުނީ "ސްޕައިސް ގާލްސް" މިހާރު ވުޖޫދުގައި ނެތަސް، ބޭންޑްގައި ހިމެނުނު ފަސް މެމްބަރުންގެ މެދުގައި އަބަދު ވެސް ވަރަށް ގުޅުން ބަދަހި ކަމަށެވެ. އެ މީހުން އެންމެ ފަހުން ރިޔުނިއަން ޓުއާއަކަށް ނުކުތީ 2008 ގަ އެވެ.

"ސްޕައިސް ގާލްސް" ގެ ލަވައެއް.

"އަހަރެމެންނަށް އެނގޭ ފޭނުން ވަރަށް ބޭނުންވާކަން އަހަރެމެން އެނބުރި އަންނަން ވެސް. އަހަރެމެން ދޭން ބޭނުންވާ މެސެޖަކީ ސްޕައިސް ގާލްސް ހޯދި ފަދަ މަގުބޫލު ކަމެއް އަދި އެ ބޭންޑުން ދައްކުވައި ދިން އަންހެނުންގެ ބާރުވެރިކަން މުސްތަގުބަލުގައި އެހެން ޒުވާން އަންހެން ކުދިންތަކަކަށް ވެސް ހޯދި ދާނެކަން،" ވިކްޓޯރިއާ ބުންޏެވެ. "އެހެންވީ އުންމީދު ކުރަންވީ އަނެއްކާ ވެސް ހަމަ ވަރުގަދަ އަންހެން ބޭންޑެއް އުފެދިގެން އައިސް ދާނެ ކަމަށް."

ވަރަށް ކާމިޔާބު ތިން އަލްބަމް ވެސް ނެރައިވާ "ސްޕައިސް ގާލްސް" އަކީ 1994 ގައި އުފެދުނު ބޭންޑެކެވެ.