ހިތުގެ ނަށާ ރާނީ: ޑާކް ރެއިންގެ ހަދިޔާއެއް

ލޯބިވެރިންނަށް ހަދިޔާއަކަށް ޑާކް ރެއިން އެންޓަޓައިންމަންޓުން މި ވަނީ ހާއްސަ ހަދިޔާއެއް ދީފަ އެވެ. އެއީ "ހިތުގެ ނަށާ ރާނީ" އެވެ. ރީތި ހިތްގައިމު ލަވައެކެވެ. ލޯބިވެރިންގެ ދުވަހު އަޑު އަހާލައި، މީގެ މަންޒަރުތަކެއް ފީނައިލީމާ ހިތަށް ފިނިކަމެއް ވެސް ލިބިދާނެ އެވެ.


"ހިތުގެ ނަށާ ރާނީ" އަކީ ޑާކް ރެއިނުން އަންނަ މަހުގެ 5 ގައި ރިލީޒްކުރާ ފިލްމް "ވަކިން ލޯބިން" ގެ ލަވައެކެވެ. މި ލަވަކިޔާފައި ވަނީ މޯލްޑިވިއަން އައިޑޮލް ސީޒަން 2 އިން ވިދާލި ލަވަކިޔުންތެެރިޔާ ހަމޫދު އަހުމަދެވެ. މިއީ ޑާކް ރެއިންގެ ފިލްމްތަކުން މީގެ ކުރިން ވެސް ވަރަށް ހިތްގައިމު ލަވަތަކެއް ގެނެސް ދިން ފަތޯގެ މިއުޒިކަށް ހަދާފައިވާ ލަވައެކެވެ.

ލަވައިން ފެންނަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. ލަވައިގެ ފުރިހަމަކަން އިތުރަށް ގެނެސް ދެނީ މީގެ ޗާލު މަންޒަރުތަކުންނެވެ. މީގެ ބައެއް މަންޒަރުތައް ލަވަ ނަގާފައި ވަނީ ފުވައްމުލަކުގަ އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ "ވަކިން ލޯބިން" އަޅުވާ ދުވަސް ކައިރިވަމުން އަންނަ އިރު، މީގެ ޓްރެއިލާ އާއި ފިލްމްގެ އެހެން ލަވައެއް ވެސް ބެލުންތެރިންނަށް ކުރިން ވަނީ ދޫކޮށްލައިފަ އެވެ.

ފިލްމްގެ ޓިކެޓް އޮލިމްޕަހުން މިހާރު ވިއްކަމުން އަންނަ އިރު، މާލެއާ އެކުއެކީގައި ހދ. ކުޅުދުއްފުށީގައި ވެސް ފިލްމް ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި ފިލްމް އަޅުވާ ހަފުތާގައި ރާއްޖޭގެ ބޮޑެތި އެހެން އަތޮޅުތަކުގައި ވެސް ފިލްމް އަޅުވާނެ އެވެ.

އޭގެ ތެރޭގައި އައްޑު އާއި ފުވައްމުލަކާއި ޅ. އަތޮޅު ހިމެނެ އެވެ. ޑާކް ރެއިންގެ އަމާޒަކީ "ވަކިން ލޯބިން" ވީހާ ވެސް ގިނަ ރަށްރަށުގައި ދެއްކުމެވެ.