އަނެއްކާވެސް ވަކިން ލޯބިންގެ އާ ލަވައެއް

ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އަށް ދެން މާ ގިނަ އިންތިޒާރެއް ކުރާކަށް ނުޖެހޭނެ އެވެ. އަންނަ ހޯމަ ދުވަހުގެ ރޭ ފިލްމް ޕްރިމިއާ ކުރާނެ އެވެ.


ފިލްމް އެޅުވުން ގާތްވަމުން އަންނަ ވަރަކަށް މީގެ މަންޒަރުތަކާއި ލަވަތައް މި އަންނަނީ ތިލަވަމުންނެވެ. މި ފަހަރު އަނެއްކާ ވެސް ފިލްމްގެ އާ ލަވައެއް އަޑު އަހާލައި، މަންޒަރުތަކުގެ ތެރެއަށް ގެއްލޭނީ އެވެ. މި ލަވައަކީ ޒުވާން ލަވަކިޔުންތެރިޔާ ޝައްމޫން (ޝައްމު) ކިޔާފައިވާ "ދުނިޔެ ދައުރުވޭ" އެވެ. ލަވައިގެ މިއުޒިކްގެ ފަހަތުގައި ހުރީ ފަތޯ އެވެ.

"ދުނިޔެ ދައުރުވޭ" ފިލްމްގެ ބައެއް މަންޒަރުތަކާ އެކު، މިއަދު އާންމުންނަށް ދޫކޮށްލި އިރު، މި ލަވައަކީ ވެސް މި ފިލްމުގެ ކުރިން އިއްވައިލި އެހެން ލަވަތަކާ ވެސް އެއްގޮތަށް އަޑު އަހާލަން ފަސޭހަ ލަވައެކެވެ. މިއީ ޝައްމު "ވަކިން ލޯބިން" އަށް ކިޔައި ދިން ދެވަނަ ލަވަ އެވެ. އަނެއް ލަވައަކީ އެންމެ ފުރަތަމަ ބެލުންތެރިންނަށް ދޫކޮށްލި "ޕަރީ" އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނި ގޮތުގައި "ދުނިޔެ ދައުރުވޭ" އަކީ ޝައްމުގެ ބޭންޑް އިކްއޭޓިކް ވައިބް އަށް އޭނާ ކުރިން ކިޔައިފައި ހުރި ލަވަތަކުގެ ތެރެއިން ޑާކް ރެއިންގެ ފިލްމްތަކަށް ހޮވި ލަވަތަކާ ހިލާފަށް ސީދާ "ވަކިން ލޯބިން" އަށް ކިޔާފައިވާ ލަވައެކެވެ.

ހުސް އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ ފިލްމްގެ ލީޑް ތަރިންނަކީ ޖުމައްޔިލް (ޖުމަލް) ނިމާލް އާއި މަރިޔަމް (މަޖޫ) މަޖުދާގެ އިތުރުން ނުޒުހަތު (ނުޒޫ) ޝުއައިބް އެވެ

އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކޮށްފައިވާ "ވަކިން ލޯބިން" ގެ އަޅުވަން ކައިރިވަމުން އަންނަ އިރު، އޮލިމްޕަހުގެ ޝޯތަކާއި އަޅުވަން މިހާރު ހަމަޖެހިފައިވާ ރަށްރަށުން ވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މޮގާ ބުންޏެވެ.

މި ފިލްމަކީ މި އަހަރު އަޅުވާ ދެވަނަ ފިލްމެވެ.