ޒޭން މާލިކް މި ދައްކަނީ ބޮލީވުޑްގެ ވާހަކަ، އަޑު އަހާބަލަ

އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކަކީ އިންޑިއާ ދެކެ ވަރަށް ލޯބިވާ، ވަކިން ހާއްސަކޮށް ބޮލީވުޑްގެ ވަރަށް ބޮޑު ފޭނެކެވެ. ދާދި ފަހުން އޭނާ ބޮލީވުޑްގެ ފިލްމަކަށް ހިންދީ ބަހުން ލަވައެއް ވެސް ރިކޯޑްކޮށްފައިވާ ކަމަށް ބުންޏެވެ.


އެ ލަވައިގެ އިންތިޒާރުގައި އެތައް ބަޔަކު އެބަ ތިއްބެވެ. އެކަމަކު ބޮލީވުޑާ ބެހޭ ގޮތުން ޒޭން، 25، މި ދައްކާ ބައެއް ވާހަކަތައް އަޑު އަހައިލަމާ ހިނގާށެވެ. މަޝްހޫރު މަޖައްލާ އެލްގައި އޭނާ ވަނީ ބޮލީވުޑްގެ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ.

ކުރީގެ ބޭންޑް "ވަން ޑިރެކްޝަން" ގެ ލަވަކިޔުންތެރިޔާ ބުނި ގޮތުގައި އޭނާގެ އެންމެ ފެވަރިޓް އަދި ކުޑައިރު އެންމެ ގިނައިން ބެލުނު ހިންދީ ފިލްމަކީ 2001 ގައި ރިލީޒް ކުރި ކަރަން ޖޯހަރްގެ "ކަބީ ޚުޝީ، ކަބީ ޣަމް" އެވެ. ޒޭންގެ އުފަން ގައުމު އިނގިރޭސިވިލާތުގައި ވަރަށް ބޮޑު ބައި ޝޫޓްކޮށްފައިވާ އެ ފިލްމްގެ ލީޑް އެއް ތަރިއަކީ ވެސް ޒޭން އެންމެ ގަޔާވާ ބޮލީވުޑް އެކްޓަރު ޝާހްރުކް ހާނެވެ.

ޒޭން ބޮލީވުޑާ ބެހޭ ގޮތުން ވާހަކަ ދައްކަނީ.

"އަދި ހަމައެއާ ދޭވްދާސްއަކީ ވެސް އަހަރެންގެ ވަރަށް ފެވަރިޓް ފިލްމެއް،" ކުރިން ދިން އިންޓަވިއުއެއްގައި ލޯބިވެރިޔާ އަދި މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑްއާ އެކު އެންމެ ގިނައިން ބަލާ ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ "ދޭވްދާސް" ކަން ފާހަގަކޮށް ޒޭން ބުންޏެވެ. އެ ފިލްމްގެ ތަރިންނަކީ ޝާހްރުކާއި އައިޝްވާރިޔާ ރާއީގެ އިތުރުން މަދޫރީ ޑިކްޝިޓެވެ.

ދެން އޮތީ ޒޭން އަށް އެންމެ ރީތި ހިންދީ ލަވައިގެ ވާހަކަ އެވެ. އަނެއްކާ ވެސް ހަމަ ޝާހްރުކްގެ ފިލްމެއްގެ ލަވައެކެވެ. އެ ލަވައަކީ މަނީ ރަތުނަމް 1998 ގައި ގެނެސް ދިން ފިލްމް "ދިލް ސޭ" ގެ "ޗައްޔާ ޗައްޔާ" އެވެ. އެ ލަވައަކީ ޝާހްރުކާއި މަލައިކާ އަރޯރާ ދުވަމުންދާ ރޭލެއްގެ މަތީގައި ނަށާ މަންޒަރު ދައްކުވައިދޭ ލަވައެކެވެ.

ދިލްސޭގެ "ޗައްޔާ ޗައްޔާ" ލަވަ.

"ޗައްޔާ ޗައްޔާ" ލަވައިގެ މިއުޒިކް ޑައިރެކްޓަރަކީ ޒޭންގެ ކުރިއަށް އޮތް އަލްބަމްގައި ހިމެނޭ ލަވައެއްގައި އޭނާ އާ އެކު މަސައްކަތްކޮށްފައިވާ އޮސްކާ ހާސިލްކޮށްފައިވާ އިންޑިއާގެ އޭރް ރަހްމާނެވެ.

"އަހަރެންގެ މިއުޒިކް ބޮލީވުޑްގެ މިއުޒިކްތަކުން ވަރަށް އިންސްޕަޔާވޭ،" އާ އަލްބަމްގެ ލަވަތަކުގައި އުރުދޫ ބަހުރުވައާ އެކު، އިންޑިއާގެ މިއުޒިކްގައި ހުންނަ ގައްވާލީ އާއި ބަންގްރާ ސްޓައިލްގެ ރަހަގަނޑު ހިމެނެނޭކަން ފާހަގަކޮށް ޒޭން ބުންޏެވެ.