ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓްކުރާ މަސާލާ ފިލްމް "ސިމްބާ" ގެ ބަތަލާއަކަށް ސާރާ އަލީ ހާން ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އެ ފިލްމްގެ ބަތަލާއަކީ ސާރާ ކަމަށް އަޑު ފެތުރެމުންދާތާ ދުވަސްތަކެއް ފަހުން ކަރަން މިއަދު ވަނީ ސާރާ އާއި ރޯހިތާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކޮށް، ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" ގެ ބަތަލާއަކީ ސާރާކަން ޔަގީންކޮށް ދީފަ އެވެ.
ސާރާއަކީ ސައިފް އަލީ ހާނާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދޮށީ އަންހެން ދަރިފުޅެވެ. އޭނާ ރަންވީރާ އެކު "ސިމްބާ" ކުޅެން ސޮއިކޮށްފައި މި ވަނީ ބޮލީވުޑަށް ތައާރަފުވާ ފުރަތަމަ ފިލްމް "ކޭދަރްނާތު" ގެ ޝޫޓިން މިދިޔަ އަހަރު ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޕްރޮޑިއުސަރާއި ޑައިރެކްޓަރާ ދެމެދު މައްސަލަތަކެއް ޖެހި، ފިލްމްގެ މަސައްކަތް ހުއްޓިފައި ވަނިކޮށެވެ.
"ކެދަރްނާތު" އަކީ ކްރިއާޖް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، "ރޮކް އޯން" ގެ ޑައިރެކްޓަރު އަބިޝެކް ކަޕޫރް ޑައިރެކްޓް ކުރާ ފިލްމެކެވެ. ސުޝާންތު ސިންގް ރާޖްޕޫތު ބަތަލުގެ ރޯލް ކުޅޭ ފިލްމްގެ ޝޫޓިން މިހާރު ހުއްޓިފައި އޮތް ނަމަވެސް، އަބިޝެކް ދާދި ފަހުން ބުނި ގޮތުގައި ފިލްމްގެ ޝޫޓިން އަލުން އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ.
"ކޭދަރްނާތު" އަކީ ޑިސެމްބަރު 23 އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ. އެކަމަކު ޑައިރެކްޓަރާއި ޕްރޮޑިއުސަރުންނާ ދެމެދު ޖެހުނު ކުންޏާ އެކު، މައްސަލަ ކޯޓާ ހިސާބަށް ވެސް ގޮސްފައިވާތީ، ތާވަލު ކުރި ގޮތާ އެއްގޮތަށް ފިލްމް ސިނަމާތަކަށް އަތުވެދާނެތޯ ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އެކަން އެގޮތަށް ނުވެއްޖެ ނަމަ، ޔަގީނުން ވެސް ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމަކަށްވެގެން ދާނީ "ސިމްބާ" އެވެ.
ރަންވީރު މިހާރު ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" ގެ ޝޫޓިން ވެސް ނިންމާފައިވާތީ، "ސިމްބާ" ގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ އެވެ. މި ފިލްމަކީ 2015 ގައި ނުކުތް ތެލެގޫ ފިލްމް "ޓެމްޕާ" އަސްލަކަށް ބަލައިގެން ހަދާ އެކްޝަން ރޮމޭންޓިކް ފިލްމެކެވެ. ޕޫރީ ޖަގައްނަތު ޑައިރެކްޓް ކުރި ކާމިޔާބު ފިލްމްގެ ތަރިންނަކީ އެންޓީ ރާމަ ރާއޯ ޖޫނިއާ އާއި ކާޖަލް އަގްރަވާލް އެވެ.
ސާރާގެ އިތުރުން ކަރަން ޕްރޮޑިއުސް ކުރާ "ދަޅަކް" އިން ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޙައްތަރު ވެސް މި އަހަރު ބޮލީވުޑަށް ނުކުންނާ އެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ ޖުލައި 20 ގަ އެވެ.