ޝަމީލްގެ އައިޑޮލް ދަތުރު ނިމުމަކަށް

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގައި ޗައިވާލާގެ ނަމުން ފާހަގަވި ލަވަކިޔުންތެރިޔާ އިބްރާހީމް ޝަމީލް އައިޑޮލްގެ ދަތުރު ގަދަ ނުވައަކާ ހަމައިން ރޭ ނިންމާލަން ޖެހިއްޖެ އެވެ.


ގަދަ ނުވަ ބައިވެރިންނާ އެކު ހުކުރު ދުވަހުގެ ރޭ ގެނެސް ދިން ޝޯގައި ބައިވެރިން ހުށަހެޅި ލަވަތަކަށް ވޯޓް ދޭން ހޮނިހިރު ދުވަހު ހަވީރާ ހަމައަށް ހުޅުވައިލުމުން އެންމެ ދަށްކޮށް އާންމުންގެ ވޯޓް ލިބުނީ ޝަމީލަށެވެ.

އާންމުންގެ 50 ޕަސަންޓް ވޯޓާއި ހަތަރު ޖަޖުންގެ 50 ޕަސަންޓް މާކްހާ އެކު، އެންމެ ދަށްކޮށް ނަތީޖާ ލިބިގެން ޝަމީލްގެ އައިޑޮލް ނިމުނަސް، އޭނާއަކީ މި ސީޒަނުގައި މިހާތަނަށް ބެލުންތެރިންނާއި ޖަޖުންގެ ތައުރީފު ވެސް އޮހުނު ލަވަތަކެއް ގެނެސް ދިން ބައިވެރިއެކެވެ.

އައިޑޮލްގެ ޝޯއެއްގައި ޝަމީލް ލަވައެއް ކިޔަނީ.

ކ. މާފުށްޓަށް އުފަން ޝަމީލްގެ ވަކިވުމާ އެކު މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގަދަ 8 މިހާރު ވަނީ ކަށަވަރުވެފަ އެވެ. މީގެ ތެރޭގައި މިހާރު ހިމެނެނީ 5 ފިރިހެން ބައިވެރިންނާއި 3 އަންހެން ބައިިވެރިންނެވެ.

މޯލްޑިވިއަން އައިޑޮލް 3 ގަދަ 8:

* ސައިނާ މުހައްމަދު ރަޝީދު

* ހަސަން ޝަހްދާން

* ތަލްސީމް އަބްދުލް ކަރީމް

* މަރިޔަމް މައީޝާ

* ނައުޝާދު އަބްދުއްލަތީފް

* ރައިހާން އާދަމް

* އަބްދުﷲ މުނާޒް

* އައިޝަތު އަޒަލް ޒާހިރު

ކޮންމެ ހަފުތާއަކު ވެސް އައިޑޮލް އިން ބައިވެރިއަކު މަދުވެ، ވާދަވެރިކަން ވެސް އިތުރުވަމުން އަންނަ އިރު، މި ފަހަރު މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ގެންދާނެ ބައިވެރިއަކާ ބެހޭ ގޮތުން ސޯޝަލް މިީޑިއާ ކުރެވޭ ބަހުސްތައް ވެސް ގިނަ އެވެ. ޔަގީންވާ ކަމަކީ ބައިވެރިންގެ ހުށަހެޅުންތަކުން ކޮންމެ ހަފުތާއަކު ވެސް ކުރިއެރުންތަކެއް ގެނެސްދީފައި ހުންނަކަން ފާހަގަ ކުރެވޭތީ އެވެ. ޖަޖުން ވެސް އެންމެ އުފާވާ ކަމަކީ އެއީ އެވެ.

މި ފަހަރު އައިޑޮލްގެ ޖަޖުންނަކީ މަރިޔަމް (ކިޑީ) އުނޫޝާ، އިސްމާއީލް އައްފާން، ޒާރާ މުޖުތަބާ އަދި އަހުމަދު (އައްމަޑޭ) އިބްރާހީމް އެވެ.

ރޭގެ އެލިމިނޭޝަން ޝޯ ހާއްސަ ކުރީ ދިވެހި ފިލްމްތަކުން މަގުބޫލުވި ލަވަތަކަށެވެ. "މޫވީ ނައިޓް" އަށް ހާއްސަ ޝޯގެ މެހްމާނެއްގެ ގޮތުގައި ރޭ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ރަވީ ފާރޫގް ބައިވެރި އެވެ.