ހިތްދަތިކަމާއި ވޭނަކީ ކޮންމެ މީހަކަށް ވެސް ތަޖުރިބާ ކުރަން ޖެހޭނެ ކަމެއް ކަމަށާއި އުމުރުން ވަރަށް ޅަ އިރު، ޑިޕްރެޝަނާ ކުރިމަތިލާން ޖެހުނު ކަމަށް، ދަ ރޮކްގެ ނަމުން މަޝްހޫރު ހޮލީވުޑްގެ އެކްޓަރު ޑްވޭން ޖޯންސަން ބުނެފި އެވެ.
އޭނާ ތަޖުރިބާކުރި ބައެއް ހިތްދަތި ކަންކަމުގެ ވާހަކަތައް މީގެ ދެ މަސް ކުރިން އިސްޓަގްރާމްގައި ހިއްސާ ކުރުމަށް ފަހު، ދި އެކްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ކުޑައިރުގެ ދިރިއުޅުމަކީ އެހާ އުފާވެރި ހަނދާންތަކެއް ނޫން ކަމަށެވެ.
ކުރީގެ ރެސްލިން ތަރި ބުނީ އުމުރުން އެންމެ 15 އަހަރުގައި މަންމަ އަމިއްލަ އަށް މަރުވާން އުޅުނު ހާދިސާއަކީ ވަރަށް ހިތްދަތި ދުވަހެއް ކަމަށެވެ.
މަންމަ އަމިއްލަ އަށް މަރުވާން އުޅުނު ހާދިސާގެ ވާހަކަތައް ރޮކް ހިއްސާ ކުރީ މިހާރު އޭނާ ކުޅެމުން އަންނަ އެޗްބީއޯގެ ސީރީޒް "ބޯލާޒް" ގައި އަމިއްލަ އަށް މަރުވާ ރައްޓެއްސެއްގެ މަހާނަ އަށް ޒިޔާރަތް ކުރަން ޖެހުމުން އާވި ހަނދާންތަކާ އެކުގަ އެވެ.
"އަހަރެން އެ ދުވަހު ވަރަށް ރުއިން. ޓްރެފިކުން ތޮއްޖެހިފައި އޮތް މަގަކަށް މަންމަ ނިކުމެ އަމިއްލަ އަށް މަރުވާން އުޅުނު ދުވަހަކީ ދުވަހަކު ވެސް ހަނދާން ނެތޭނެ ދުވަހެއް ނޫން،" ފާސްޓް އެންޑް ފިއުރިއަސްގެ ތަރި ބުންޏެވެ. "އެބަހުރި ހަޔާތުގައި މިކަހަލަ ކިތަންމެ ހިތްދަތި ކަންކަން ތަޖުރިބާ ކުރަން ޖެހިފައި."
"ބޭވޮޗް" އާއި "ވޯލްކިން ޓޯލް" ފަދަ ފިލްމްތައް ކުޅެފައިވާ ރޮކް ބުނި ގޮތުގައި ޑިޕްރެޝަނާ ކުރިމަލާން ޖެހި، އޭނާ ކުރިން ދިރިއުޅުމާ ދޭތެރޭ އުންމީދު ވެސް ކަނޑައިލި އެވެ.
"އެއްވެސް ކަމެއް ކުރާ ހިތެއް ނެތި، އެއްވެސް ތާކަށް ދާ ހިތެއް ނެތި ވަރަށް ގިނަ ދުވަހު އެކަހެރިވެފައި އަހަންނަށް އުޅެން ޖެހުނު،" ރޮކް، 45، ބުންޏެވެ. "އަހަރެން އަބަދު ވެސް ގަބޫލު ކުރަން ހަޔާތުގައި އަޑިގުޑަންތައް އަންނާނެކަން. ހިތާމަ އާއި ހިތްދަތި ކަމަކީ ވެސް ހަމަ ހަގީގަތުގައު ވެސް އަހަރެމެން ކުރިމަތިލާން ޖެހޭ ކަމެއްކަން."
ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި މިހާރު ހިމެނޭ އަދި ފުރާވަރަށް އަރާފައިވާ ދެ އަންހެން ކުދިންގެ ބައްޕަ ބުނި ގޮތުގައި މިހާރު އޭނާއަކީ ވަރަށް އުފަލުގައި ހަމަޖެހިގެން ދިރިއުޅޭ މީހެކެވެ.
ރޮކް ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހު ރިލީޒް ކުރާ "ދަ ރެމްޕޭޖް" އިންނެވެ.