"ޓާމިނޭޓާ" ރިބޫޓްގެ ކާސްޓް ފައިނަލްކޮށް، ޝޫޓިން އަންނަ މަހު ފަށަނީ

ޑައިރެކްޓަރު ޖޭމްސް ކެމެރަން، އާނޯލްޑް ޝްވެޒްނެގާއާ އެކު މީގެ 34 އަހަރު ކުރިން ގެނެސް ދިން ފެންޓަސީ/ސައިންސް ފިކްޝަން ފިލްމް "ދަ ޓާމިނޭޓާ" ގެ ރިބޫޓް ވާޝަންގެ މައިގަނޑު ކާސްޓުން ފައިނަލްވުމާ އެކު، އޭގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް ނިންމައިފި އެވެ.


ފިލްމަށް ލެޓިން ބަތަލާއަކު ހޯދަން އަތްފުނާ އެޅުމަށް ފަހު، ކޮލަމްބިއާގެ ބަތަލާ ނަޓާލިއާ ރެޔެސް މިހާރު ވަނީ ކާސްޓަށް ގެނެސްފަ އެވެ. ޕެރަމައުންޓާއި ސްކައި ޑާންސުން ގެނެސްދޭ "ޓާމިނޭޓާ" ރިބޫޓްގެ ތަރިންގެ ތެރޭގައި އާނޮލްޑާއި ލިންޑާ ހެމިލްޓަން އާއި މިދިޔަ އަހަރު ރިލީޒް ކުރި "ބްލޭޑްރަނާ 2049" ގެ ބަތަލާ މެކެންޒީ ޑޭވިސް އާއި "ގޯސްޓް ރައިޑާ" ގެ އެކްޓަރު ގެބްރިއެލް ލޫނާ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ޓީވީ ސިލްސިލާ "ސްކްރީމް ކްއީންސް" ގައި ހިމެނުނު މެކްސިކޯ އަށް އުފަން ޑިއެގޯ ބޮނެޓާ ވެސް "ޓާމިނޭޓާ" ރިބޫޓުން ފެނިގެން ދާނެ އެވެ.

ފިލްމްގެ ޝޫޓިން ފަށަން އަންނަ މަހު ފަށަން ނިންމާފައިވާތީ، ތަރިން މި މަހުގެ ފަހުކޮޅު ތައްޔާރީތައް ވާން ފަށާނެ އެވެ. އަދި ރަސްމީކޮށް ވަކި ނަމެއް އިއުލާންކޮށް ނުވާ "ޓާމިނޭޓާ" ރިބޫޓް ޑައިރެކްޓް ކުރާނީ "ޑެޑްޕޫލް" ގެ ޑައިރެކްޓަރު ޓިމް މިލާ އެވެ.

ފިލްމް "ޓާމިނޭޓާ" ގެ ޓްރެއިލާއެއް.

މި ފިލްމް ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި ވަނީ ނޮވެމްބަރު، 22، 2019 ގަ އެވެ.

ކެމެރަން 1984 ގައި ގެނެސް ދިން "ދަ ޓާމިނޭޓާ" ގެ ފްރެންޗައިޒްގެ ގޮތުގައި މިހާތަނަށް، ތަފާތު ފަސް ފިލްމެއް ގެނެސް ދީފައިވާ އިރު، ކެމެރަން ވަނީ މީގެ ދެވަނަ ބައި ޖަޖްމަންޓް ޑޭ (1991) ވެސް ޑައިރެކްޓްކޮށްފަ އެވެ.

ތިން ވަނަ ފިލްމް ޖޮނަތަން މޮސްޓޯ ޑައިރެކްޓްކޮށް "ރައިޒް އޮފް ދަ މެޝިން" ގެ ނަމުގައި ގެނެސް ދިނީ 2003 ގަ އެވެ. އަދި ހަތަރު ވަނަ ފިލްމް ޓާމިނޭޓާ ސަލްވޭޝަން (2009) ގެ ނަމުގައި ޑައިރެކްޓް ކުރީ މެކްޖީ އެވެ. އަދި ފަސް ވަނަ ފިލްމް ޓާމިނޭޓާ ޖެނެސިސް (2015) ގައި ގެނެސް ދިނީ އެލަން ޓޭލާ އެވެ.