ނުފޫޒުގެ ބޭނުންކޮށްގެން، އެތައް ބަޔަކަށް ޖިންސީ ގޯނާކޮށް، ރޭޕް ކުރިކަމުގެ ތުހުމަތާ އެކު ފިލްމީ ކެރިއާ ބަނަވެފައިވާ ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ ވާހަކަ ކިޔައިދޭ ފިލްމެއް އުފައްދަން ނިންމައިފި އެވެ.

މި ފިލްމް އުފައްދާނީ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓްގެ ކުންފުނި ޕްލޭން ބީ ޕްރޮޑަކްޝަނުންނެވެ.

މި ފިލްމާ ބެހޭ ގޮތުން ހޮލީވުޑް ރިޕޯޓާ އިން ޕިޓާ ހަވާލާދީ ބުނެފައި ވަނީ ފިލްމްގެ ވާހަކަ މައިގަނޑު ގޮތަކަށް އަމާޒު ކުރާނީ ނިއު ޔޯކް ޓައިމްސްގެ ދެ ނޫސްވެރިން ކަމަށްވާ ޖޫޑީ ކެންޓޯ އާއި މެގަން ވޯހީ ހާވީގެ މައްސަލަ ފަޅާއަރުވާލައި ގެނެސް ދިން ރިޕޯޓްތަކުގެ މައްޗަށް ކަމަށެވެ. އެ ދެ ނޫސްވެރިން ހާވީއާ ބެހޭ ގޮތުން ގެނައި ރިޕޯޓްތަކަށް ވަނީ ނޫސްވެރިކަމުގެ ޝަރަފުވެރި އެވޯޑެއް ކަމަށްވާ ޕްލިޓްޒާ ޕްރައިޒް ވެސް ލިބިފަ އެވެ.

ފިލްމްގައި ހާވީ، 66، ގެ އެރުމާއި ވެއްޓުން ދައްކުވައި ދޭނެ އެވެ. ނަމަވެސް ފިލްމް ލިޔެ، ޑައިރެކްޓް ކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ފިލްމާ ގުޅުން ހުރި މަސައްކަތްތައް ޕިޓާއި އޭނާގެ ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ.

ބްރެޑް ޕިޓް: ހާވީ ވައިންސްޓީންގެ ވާހަކަ ބޮޑު ސްކްރީންގައި ކިޔައި ދޭނެ.
ބްރެޑް ޕިޓް: ހާވީ ވައިންސްޓީންގެ ވާހަކަ ބޮޑު ސްކްރީންގައި ކިޔައި ދޭނެ.

ރިޕޯޓްތައް ބުނާ ގޮތުން ޕިޓް، ހާވީގެ ވާހަކަ ކިޔައިދޭ ފިލްމްވެގެން ދާނީ އޯލް ދަ ޕްރެޒިޑެންޓްސް މެން (1976) އާއި ސްޕޮޓްލައިޓް (2016) އަދި މިދިޔަ އަހަރު ރިލީޒް ކުރި "ދަ ޕޯސްޓް" ފަދަ ފިލްމްތަކާ އެކު ނޫސްވެރިންތަކެއް ކުރި މަސައްކަތްތަކެއް ދައްކުވައި ދޭނެ ވަރުގަދަ ފިލްމަކަށެވެ.

ހާވީގެ މައްޗަށް މިދިޔަ އަހަރުގެ ފަހުކޮޅު ތުހުމަތު ކުރެވުނު ގިނަ އަދަދެއްގެ ޖިންސީ ގޯނާތަކުގެ މައްސަލަތަކާ އެކު، ހޮލީވުޑްގައި ވަނީ ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް "މީ ޓޫ" އާއި "ޓައިމްސް އަޕް" ފަދަ ވަރުގަދަ ބޮޑެތި ކެމްޕޭންތައް ވެސް މިހާރު ހިންގަމުންނެވެ. ހާވީގެ މައްސަލަތައް މިހާރު އަންނަނީ ކޯޓްތަކުގައި ވެސް ހިނގަމުންނެވެ.

އޭނާގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު ވާހަކަތައް ވަރަށް ގިނަ ފަންނާނުން ވަނީ ފާޅުގައި މީޑިއާތަކަށް ކިޔައި ދީފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު އޭ ލިސްޓް ތަރިން ވެސް ހިމެނެ އެވެ.