"ރައުޑީ ރާތޯޑް" ގެ ޕޯސްޓަރެއް: ފިލްމްގެ ދެވަނަ ބައެއް ވެސް ގެނެސް ދޭނެ.
29 މެއި 2018 - 08:02
"ޑޯންޓް އެންގްރީ މީ" ފަދަ މަގުބޫލު ޑައިލޮގްތަކާ އެކު، އަކްޝޭ ކުމާރްގެ ވަރުގަދަ އެކްޝަން ރޯލެއް ވެސް ފެނިގެން ދިޔަ 2012 ގެ ކާމިޔާބު ފިލްމް "ރައުޑީ ރާތޯޑް" ގެ ދެވަނަ ބަޔަކަށް ތައްޔާރުވާން ފަށައިފި އެވެ.
މި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީ އާއި ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ޕްރަބޫދޭވާ ޑައިރެކްޓް ކުރި ފިލްމެކެވެ. އަކްޝޭއާ އެކު ފިލްމްގެ ބަތަލާގެ ރޯލް ކުޅުނީ ސޮނާކްޝީ ސިންހާ އެވެ.
ބަންސާލީއާ އެކު "ރައުޑީ ރާތޯޑް" ގެ ދެވަނަ ބައި ކޯ-ޕްރޮޑިއުސް ކުރާ ޝަބީނާ ހާން ބުނީ ފިލްމްގެ ސްކްރިޕްޓް ވެސް މިހާރު ނިމިއްޖެ ކަމަށެވެ.
"ރައުޑީ ރާތޯޑް" އަކީ 2006 ގައި ރިލީޒް ކުރި ތެލެގޫ ފިލްމް "ވިކްރަމަރްކުޑޫ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމަކީ "ބާހްބަލީ" ގެނެސް ދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އާއި އޭނާގެ ބައްޕަ ކޭވީ ވިޖެންދްރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.
އެކަމަކު ހިންދީ އޯޑިއަންސަށް "ވިކްރަމަރްކުޑޫ" އަކްޝޭއާ އެކު "ރައުޑީ ރާތޯޑް" ގެ ނަމުގައި ގެނެސް ދިނީ ޝިރާޒް އަހުމަދުގެ ސްކްރީންޕްލޭއަކަށެވެ. ޝަބީނާ ބުނި ގޮތުގައި ފިލްމްގެ ދެވަނަ ބައިގެ ސްކްރީންޕްލޭގައި ވިޖެންދްރަ ޕްރަސާދު ހިއްސާވެ އެވެ.
އޭނާ ބުނީ ސްކްރިޕްޓް ނިމުނު ނަމަވެސް މިހާރު އޭތި އެއްކޮށް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންވެ އެކަން ނިމުނުހާ އަވަހަކަށް ފިލްމްގެ ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ.
ބެލެވޭ ގޮތުން "ރައުޑީ ރާތޯޑް 2" ގެ ލީޑް ރޯލުން ވެސް ފެނިގެން ދާނީ އަކްޝޭ އާއި ސޮނާކްޝީ ސިންހާ އެވެ.
ޖުމްލަ 45 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ރައުޑީ ރާތޯޑް" އަށް ބޮކްސް އޮފީހުގައި 206 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy