މާސްކޭގެ "ޕްލޭން ބީ" މި އަހަރު ރިލީޒް ކުރަނީ

މާސްކޭގެ ސްޓޫޑިއޯ އިން އުފައްދާ ފިލްމް "ޕްލޭން ބީ" ގެ ޓްރެއިލާ 2014 ގައި އާންމުކުރި ފަހުން ޚަބަރެއް ނުވެ އެވެ. އެކަމަކު އެ ޓްރެއިލާއިން ފެންނަ ގޮތުގައި މިއީ އަނެއްކާ ވެސް ދިވެހި ސިނަމާ އަށް އަންނާނެ ތަފާތު ފިލްމަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.


ހާއްސަކޮށް ފިލްމުގެ މަންޒަރުތައް ނަގާފައިވާ ގޮތާއި އޭގެ ނެރޭޝަން ގެނެސްފައިވާ ގޮތް އާންމުކޮށް، ނިކުންނަ ދިވެހި ފިލްމުތަކާ ތަފާތުކަން ފާހަގަކޮށްލެވެ އެވެ.

"ޕްލޭން ބީ" އަކީ 2014 ގައި ރިލީޒް ވެސް ކުރަން ކުރިން ޕްލޭން ކުރި ފިލްމެކެވެ. އެކަމަކު ފިލްމުގެ ޕްރޮޑިއުސަރު އަދި މަޝްހޫރު ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އާއި ޑައިރެކްޓަރު ވިޝާލް ޒަކީ އެހެން މަސައްކަތްތަކެއްގައި ބިޒީވެގެން "ޕްލޭން ބީ" މަޑު ޖައްސައިލަން ޖެހުނީ އެވެ.

ނަމަވެސް ފިލްމުގެ ނުނިމި ހުރި މަސައްކަތް މިހާރު ވަނީ ނިންމަން އަމާޒު ހިފައިފަ އެވެ.

"އަސްލު އަހަރެމެން ދެ މީހުން ބިޒީވުމުގެ އިތުރަށް ފައިނޭންޝަލީ ވެސް ތަންކޮޅެއް ދަތިކޮށް ދިޔައިމަ ފިލްމުގެ މަސައްކަތް މަޑު ޖައްސާލަން ޖެހުނީ،" މާސްކޭ ބުންޏެވެ. "އެކަމަކު ލާރިކޮޅެއް އެއްކޮށްލައިގެން އަނެއްކާ ވެސް މި ވަނީ ފިލްމުގެ މަސައްކަތް ފަށާފައި. މިހާރު ވަރަށް ބާރަށް މަސައްކަތްތައް އެބަ ކުރިއަށް ދޭ."

"ޕްލޭން ބީ" ގެ މަންޒަރެއް.

މާސްކޭ ބުނީ "ޕްލޭން ބީ" ގެ ޝޫޓިން އޮތީ އެއްކޮށް ނިމިފައި ކަމަށެވެ.

"ޕްރޮމޯޝަނަލް ލަވަ އެކަނި ނުނަގައި މިހާރު އޮންނާނީ. އެކަމަކު ލަވަ ވެސް ވަރަށް އަވަހަށް ނަގަން ފަށާނަން،" މީގެ ކުރިން ދިވެހި ފިލްމުތަކުން ނުފެންނަ ކަހަލަ ސްޕެޝަލް އިފްކްޓްސް ވެސް ފެނިގެން ދާނެ ފިލްމާ ބެހޭ ގޮތުން މާސްކޭ ބުންޏެވެ. "ވަރަށް ފުރިހަމަ އަދި ޔޫތުންނަށް ކަމުދާ ކަހަލަ ފިލްމަކަށް މި ފިލްމުވެގެން ދާނެ."

މިހާރު މަސައްކަތް ދާ ގޮތުން ނަމަ "ޕްލޭން ބީ" ގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ނިންމައި ލެވޭނެ އެވެ. އަދި އަންނަ މަހުގެ އާ ޓްރެއިލާއެއް ވެސް ރިލީޒް ކުރަން ވަނީ ނިންމައިފަ އެވެ.

"ޑިސެމްބަރު ނޫނީ އެއަށް ވުރެ ކުރިން ވެސް ފިލްމް ރިލީޒް ކުރުން އެކަށީގެންވޭ،" ޝްވެކްގައި އަޅުވާ ފިލްމާ ބެހޭ ގޮތުން މާސްކޭ ބުންޏެވެ. "މި އަހަރު ފިލްމް ރިލީޒް ކުރުން އަމާޒަކީ."

"ޕްލޭން ބީ" ގެ ޓްރެއިލާ

މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާ "ޕްލޭން ބީ" ގެ ތަރިންނަކީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ) އަދި އައިމިނަތު ރިޝްފާ އެވެ.

މީގެ އިތުރުން މުހައްމަދު ފައިސަލް (ބާސްކެޓް) ފައިސަލް މި ފިލްމުން ތައާރަފުވެގެން ދާނެ އެވެ.

"ޕްލޭން ބީ" ގައި ފެނިގެން ދާނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބައެއްގެ ތެރޭގައި ހިނގާ ހާޖާނުގަނޑެކެވެ.