އިންޑިއާގެ ސެލެބްރީންގެ އިންޓަވިއުތައް ގެނެސްދޭ އެންމެ މަގުބޫލު އަދި އެންމެ ހޫނު ޝޯއަކީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހޯސްޓް ކުރާ "ކޮފީ ވިތު ކަރަން" އެވެ. މި ޝޯގެ ހަ ވަނަ ސީޒަންގެ އެޕިސޯޑްތައް އޭނާ މިހާރު ޝޫޓް ކުރަމުން އަންނަ އިރު، ކަރަން ވަނީ ޝޯ ދައްކަން ފަށާނެ ތާރީހު އިއުލާނުކޮށްފަ އެވެ.
އޭނާ ކުރި ޓްވީޓެއްގައި ބުނީ "ކޮފީ ވިތު ކަރަން 6" ދައްކަން ފަށާނީ އޮކްޓޯބަރު މަހުގެ 21 އިން ފެށިގެން ސްޓާ ވޯލްޑް އިންޑިއާ އިން ކަމަށެވެ.
މި ޝޯއަށް މިހާރު ވެސް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު، ރިޕޯޓްތައް ބުނާ ގޮތުން ޝޯގެ ފުރަތަމަ އެޕިސޯޑްގެ މެހުމާނުންގެ ގޮތުގައި ފެނިގެން ދާނީ މިދިޔަ ހޮނިހިރު ދުވަހު އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލޯބިވެރިޔާ ނިކް ޖޯނަސް އެވެ.
"ކޮފީ ވިތު ކަރަން" އަކީ އަބަދު ވެސް ބޮލީވުޑްގެ އޭ ލިސްޓް ތަރިންނަށް ޖާގަ ލިބޭ ޝޯއެކެވެ. އެހެންވެ ހަ ވަނަ ސީޒަނުގައި މަޝްހޫރު ގިނަ ތަރިންތަކެއް މެހުމާނުންގެ ގޮތުގައި ބައިވެރި ވާނެ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ޝޯގެ ކޮންމެ ސީޒަނަކުން ވެސް ކަރަންގެ ގާތް އެކުވެރިޔާ ޝާހްރުކް ހާން ފެނިގެންދާ ކަމެވެ.
"ކޮފީ ވިތު ކަރަން" ގެ އެންމެ ހާއްސަ އެއް ކަމަކީ ތަރިންގެ ވަރަށް ޒާތީ ވާހަކަތައް އެ މީހުން ލައްވައި ކޮނެކޮނެގެން ކަރަން ގެނެސް ދޭން މަސައްކަތް ކުރާތީ އެވެ.
މި ފަހަރުގެ ޝޯގެ ތައްޔާރީތައް ވާން ފަށާފައި މި ވަނީ ކަރަންގެ ހަ ވަނަ ޑައިރެކްޝަން ވެސް އިއުލާންކޮށްފައި ވަނިކޮށެވެ. އެއީ 2020 ގައި ރިލީޒް ކުރާ "ތަހުތު" އެވެ. އޭނާ އެންމެ ފަހުން ގެނެސް ދިނީ 2016 ގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އެވެ.