ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ އާ ފިލްމު "ޗާންދު މޭރާ ދިލް"ގެ ޓީޒާ އާންމުކުރުމާ އެކު، އެ ފިލްމު "ސައްޔާރާ"އާ ވަރަށް ވައްތަރު ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އެ ފިލްމުގައި ލީޑު ރޯލުތައް ކުޅެފައި ވަނީ އަނަންޔާ ޕާންޑޭ އާއި ލަކްޝްޔާ އެވެ.
މިނެޓަކާއި 32 ސިކުންތުގެ އެ ޓީޒާގައި ފެންނަނީ އާރަވް (ލަކްޝްޔާ) އާއި ޗާންދަނީ (އަނަންޔާ)ގެ ވަރުގަދަ ލޯބީގެ ފެށުމެކެވެ. ކޮލެޖް ދުވަސްވަރުގެ ބައިސްކަލު ދުއްވުންތަކާއި ލޯބީގެ ފުން އިހުސާސްތަކެއް ދައްކުވައިދޭ މަންޒަރުތަކެއް އެ ޓީޒާގައި ހިމެނެ އެވެ.
ނަމަވެސް، "ކޮންމެ ފުރަތަމަ ލޯތްބަކަށް ދެވަނަ ފުރުސަތެއް ނުލިބޭނެ" ކަމަށް ބުނެ، އެ ލޯބީގެ ވާހަކަ ނިމެނީ ހިތާމަވެރި ގޮތަކަށް ކަން އެ ޓީޒާއިން އިޝާރާތް ކުރެ އެވެ. މީގެ އިތުރުން ސަޗިން-ޖިގަރުގެ މިއުޒިކަށް ތައްޔާރުކޮށްފައިވާ ފިލްމުގެ ސައުންޑްޓްރެކްގެ ކުޑަ މިންވަރެއް ވެސް އެ ޓީޒާގައި އިއްވާލި އެވެ.
ޓީޒާ އާންމުކުރުމާ އެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެ ފިލްމަކީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާގެ "ސައްޔާރާ" އާ ވަރަށް އެއްގޮތް ފިލްމެއް ކަމަށް ބުނަމުންނެވެ.
ބައެއް މީހުން ބުނި ގޮތުގައި، މީގެ ބައެއް މަންޒަރުތަކަކީ "ސައްޔާރާ"ގެ ކޮޕީއެކެވެ. އަދި ބައެއް މީހުން ވަނީ މިއީ "ސައްޔާރާ" އާއި "ކަބީރު ސިންގް" އަދި "އާޝިގީ 2" އެއްކޮށްލުން ކަމަށް ބުނެ މަލާމާތް ވެސް ކޮށްފަ އެވެ.
މި ފިލްމަކީ ނެޓްފްލިކްސް އިން ގެނެސްދިން "މީނާކްޝީ ސުންދަރޭޝްވަރު"ގެ ޑައިރެކްޓަރު ވިވެކް ސޯނީގެ ފިލްމެކެވެ.
އަންނަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ތުޝާރު ޕަރަންޖަޕޭ އާއި ވިވެކް ސޯނީ އެވެ.