"ކަބީ އަލްވިދާ ނާ ކެހެނާ"އަކީ ކައިވެނިން ބޭރުން ގުޅުންތައް ބޭއްވުމަށް ނުވަތަ ބޭވަފާތެރިވުމަށް ހިތްވަރުދިން ފިލްމެއް ނޫން ކަމަށް އޭގެ ޑައިރެކްޓަރު ކަރަން ޖޯހަރު އިއްޔެ ބުނެފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން 2006 ވަނަ އަހަރު ނެރުނު ފިލްމު "ކަބީ އަލްވިދާ ނާ ކެހެނާ"އަށް 20 އަހަރު ފުރުމާ ދިމާކޮށް، އެ ފިލްމު ސިނަމާތަކުގައި ދެއްކި ދުވަސްވަރު ބެލުންތެރިންގެ ފަރާތުން ކުރިމަތިވި ހައިރާންކުރުވަނިވި ތަޖުރިބާތަކުގެ ހަނދާންތައް އާކޮށް ކަރަން ވަނީ އިއްޔެ އިންސްޓަގްރާމްގައި ދިގު މެސެޖަކާ އެކު ޕޯސްޓެއް ކޮށްފަ އެވެ.
އެ މެސެޖުގައި ކަރަން ބުނީ އެ ފިލްމަކީ ކައިވެނިން ބޭރުން ހިންގާ ނޭދެވޭ ގުޅުންތަކަށް (އިންފިޑެލިޓީ) ހިތްވަރުދިނުމުގެ މަގުސަދުގައި އުފެއްދި ފިލްމެއް ނޫން ކަމަށެވެ. ނަމަވެސް އެ ފިލްމުން ދައްކުވައިދިނީ ކައިވެނީގެ އިމުން ބޭރަށް ގޮސް ލޯތްބާއި އެދުންވެރިކަން ހޯދަން އުޅުމުން، އާއިލާ އާއި އަމިއްލަ ދިރިއުޅުމުގެ ބިންގާ ބަލިކަށިވެ ހަލާކުވެގެންދާ ގޮތް ކަމަށް އޭނާ ބުންޏެވެ.
އެ ފިލްމު ނެރުނު ދުވަސްވަރު ހިނގި ބައެއް ހާދިސާތައް ހިއްސާކުރަމުން ކަރަން ބުނީ ފިލްމުގެ ޕްރިވިއު ޝޯއެއް ބަލަން ސިނަމާގައި އިންދާ އޭނާގެ ކުރިމަތީގައި އިން މެދު އުމުރުގެ ދެމަފިރިއަކު ފިލްމު މެދުތެރެއިން ނުކުމެގެން ދިޔަ ކަމަށެވެ.
ފިލްމުގައި ޝާހްރުކް ހާން އާއި ރާނީ މުކަރްޖީގެ ކެރެކްޓާގެ މެދުގައި ހިންގާ ލޯބީގެ މަންޒަރަކީ ހުވަފެނެއް ނޫންކަން އެނގުމާ އެކު، ފިރިމީހާ ރުޅިއައިސްގެން އަނބިމީހާއަށް އިޝާރާތްކޮށް ހޯލުން ނުކުމެގެން ދިޔައީ ކަމަށް ކަރަން ބުންޏެވެ.
އޭގެ އިތުރުން، ވަރިވެފައިވާ އަންހެން ދަރިފުޅާ އެކު ފިލްމު ބަލަން ދިޔަ އެހެން އަންހެނަކު ކަރަންއާ ކުރިމަތިލައި، އާއިލީ އުސޫލުތަކާ ހިލާފު ފިލްމެއް ހެދުމުން ޝަކުވާކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭނާ ބުނީ ތިޔައީ ކަރަންގެ ފިލްމަކަށް ވާތީ އުފާވެރި، ލަވަ އާއި ނެށުން އަދި އާއިލީ ރީތި ގުޅުންތައް އެކުލެވޭ ފިލްމެއް ބަލާލަން ދަރިފުޅު ގޮވައިގެން އައި ދުވަހެކޭ. އަދި އަހަރެން ލަދުގަންނަން ޖެހޭނެ ކަމަށް ބުނެ އޭނާ ހަޅޭލެވި،" ކަރަން ބުންޏެވެ.
ކަރަން އެއްބަސްވި ގޮތުގައި "ކަބީ އަލްވިދާ ނާ ކެހެނާ"އަށް ބެލުންތެރިންނާއި ކްރިޓިކުންގެ ފަރާތުން ވަރަށް ތަފާތު، ދެކޮޅު ފާޑުކިޔުންތަކެއް ލިބުނެވެ. ބައެއް މީހުން އެއީ އޭނާގެ އެންމެ ކެރޭ އަދި މޮޅު މަސައްކަތުގެ ގޮތުގައި ސިފަކުރިއިރު، އަނެއްބަޔަކު ވަނީ އެއީ އިންޑިއާގެ ސަގާފީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު ފިލްމެއް ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.
ފިލްމުގައި ބައެއް އުނި ކަންކަން ހުރި ކަމަށް ކަރަން ގަބޫލުކުރި ނަމަވެސް، ފިލްމުގެ އަސްލު މެސެޖު އޮތީ ރަނގަޅު އަމާޒެއްގައި ކަމަށް އޭނާ ބުންޏެވެ.
"ކަބީ އަލްވިދާ ނާ ކެހެނާ"އަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ގަމް" އަށް ފަހު ކަރަންގެ ތިންވަނަ ޑައިރެކްޝަނެވެ.
ޝާހު އާއި ރާނީގެ އިތުރުން އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅުނީ އަބީޝެކް ބައްޗަން އާއި ޕްރީތީ ޒިންތާ އަދި އަމީތާބް ބައްޗަން އެވެ.