ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސް އިން އުފައްދާ އާ ފެންޓަސީ ހޯރާ ފިލްމު "ވިޝްކަންޔާ"ގެ ލީޑު ރޯލަށް އެކްޓަރު ރާޖްކުމާރު ރާއޯ އާއި "ލާޕަޓާ ލޭޑީޒް" އިން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި އެކްޓްރެސް ޕްރަތިބާ ރަންތާ ހަމަޖައްސައިފި އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، ސޯނަލް ޖޯޝީ ޑައިރެކްޓުކުރާ މި ފިލްމަކީ ސިހުރާއި ޖާދޫގެ ނާމާން ބިރުވެރި ހާދިސާތައް އެކުލެވިގެންވާ ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކުރާ ފިލްމެކެވެ.

ފިލްމުގެ ވާހަކަ ސިއްރުކޮށްފައިވީ ނަމަވެސް، މިއީ ބޮލީވުޑުން މީގެ ކުރިން ނުފެންނަ ކަހަލަ ހާއްސަ ހިޔާލީ އުފެއްދުމަކަށް ވާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

މި ފިލްމުގައި ޕްރަތިބާ ފެންނާނީ "ވިޝްކަންޔާ"ގެ މައިގަނޑު ރޯލުންނެވެ.

މިއީ ރާޖްކުމާރު އާއި ޕްރަތިބާ ވެސް ދަރުމާ ޕްރޮޑަކްޝަންސްއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމެވެ.

ރާޖްކުމާރު ކުރިން ދަރުމާގެ "މިސްޓަ އެންޑް މިސިޒް މަހީ" ކުޅެފައިވާއިރު، ޕްރަތިބާ ވަނީ އެ ޕްރޮޑަކްޝަންގެ ސައިކޮލޮޖިކަލް ތުރިލާ "އެކިއުޒްޑް"ގައި މަސައްކަތްކޮށްފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު ފަހުކޮޅު ނުވަތަ 2028 ގަ އެވެ.