"ނާދާނިޔާން"ގެ ޕޯސްޓަރުގައި އިބްރާހިމް އަލީ ހާން އާއި ހުޝީ ކަޕޫރް.
02 ފެބުރުއަރީ 2025 - 06:37
ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ނާދާނިޔާން"ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އާންމުކޮށްފި އެވެ.
އެ ފިލްމުގައި އިބްރާހިމްއާ އެކު ލީޑު ރޯލު ކުޅެނީ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ. މި ފިލްމަކީ ހުޝީ ކުޅޭ ތިންވަނަ ފިލްމެވެ.
ލޯބީގެ ވާހަކައަކަށް ގެނެސްދޭ "ނާދާނިޔާން"ގެ ޕޯސްޓަރުގައި ފެންނަނީ ހުޝީ، އިބްރާހިމްގެ ގައިގައި ލެނގިލައިގެން އޮންނަ ތަނެވެ.
މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ ފިލްމެކެވެ.
"ނާދާނިޔާން"ގެ ޑައިރެކްޓަރަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝައުނާ ގޯތަމް އެވެ. އެކަމަކު، އޭނާ ވަނީ ކަރަން އެންމެފަހުން ޑައިރެކްޓުކުރި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
މި ފިލްމުގެ ޝޫޓިންގެ ބޮޑު ބައި މިހާރު އޮތީ ނިމިފަ އެވެ.
ސިނަމާގައި ދެއްކުމުގެ ބަދަލުގައި މި ފިލްމު ގެނެސްދެނީ ނެޓްފްލިކްސް އިންނެވެ. މި ފިލްމު ވަރަށް އަވަހަށް ސްޓްރީމް ކުރަން ފަށާނެ ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.
ނަމަވެސް، މި ފިލްމު ސްޓްރީމް ކުރަން ފަށާ ސީދާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީ
02 February 2025
އިއްބެ އިންތިޒާރުގާ ހުންނަންތާ ކޮންދުވަހެއް. ދެން ހުޝީއާއެކު އުޅޭގޮތެއް ބަލާން މިތިބީ.