ސުނިލް ޝެޓީ އާއި މަހިމާ ޗައުދަރީ، ހުޝީ ކަޕޫރްއާ އެކު.
07 ފެބުރުއަރީ 2025 - 08:18
ކުރީގެ މަޝްހޫރު ހިންދީ ފިލްމު "ދަޅުކަން"ގައި އެކުގައި މަސައްކަތް ކުރި ސުނިލް ޝެޓީ އާއި މަހިމާ ޗައުދަރީ އަނެއްކާވެސް އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.
ސުނިލް އާއި މަހިމާ އެކުގައި ފެންނާނީ ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ނާދާނިޔާން" އިންނެވެ. އެ ފިލްމުގައި އިބްރާހިމްއާ އެކު ލީޑު ރޯލު ކުޅެނީ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ.
"ނާދާނިޔާން" ގެެނެސްދޭ ދަރްމާ ޕްރޮޑަކްޝަނުން އިއުލާންކުރި ގޮތުގައި، އެ ފިލްމުގައި ސުނިލް އާއި މަހިމާ ކުޅޭނީ ދެމަފިރިންގެ ރޯލެވެ. އަދި ހުޝީގެ މައިންބަފައިންގެ ރޯލެވެ.
ދެހާހުގެ ކުރީކޮޅުގައި މަޝްހޫރު ތަރިއެއް ކަމަށްވާ މަހިމާ ވަނީ މި މަހު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ"ގައި ވެސް ކުޑަ ރޯލެއް ކުޅެފަ އެވެ. ސުނިލް އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރު ނުކުތް ހިންދީ ފިލްމު "ރުސްލާން"ގެ ރޯލެކެވެ.
ލޯބީގެ ފިލްމު "ނާދާނިޔާން"ގައި ދިއާ މިރްޒާ އާއި ޖުގާލް ހަންސްރާޖް ވެސް އުޅޭނެ އެވެ. އެ ދެ މީހުން ކުޅެނީ އިބްރާހިމްގެ މައިންބަފައިންގެ ރޯލެވެ.
ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ "ނާދާނިޔާން"ގެ ޑައިރެކްޓަރަކީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝައުނާ ގޯތަމް އެވެ. އެކަމަކު، އޭނާ ވަނީ ކަރަން އެންމެ ފަހުން ޑައިރެކްޓުކުރި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
މި ފިލްމުގެ ޝޫޓިންގެ ބޮޑު ބައި މިހާރު އޮތީ ނިމިފަ އެވެ.
ސިނަމާގައި ދެއްކުމުގެ ބަދަލުގައި މި ފިލްމު ގެނެސްދެނީ ނެޓްފްލިކްސް އިންނެވެ. މި ފިލްމު ވަރަށް އަވަހަށް ސްޓްރީމް ކުރަން ފަށާނެ ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.
ނަމަވެސް، މި ފިލްމު ސްޓްރީމް ކުރަން ފަށާ ސީދާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
09 February 2025
ސައިފް އާ ވ ވައްތަރު އެކަމަކު ސައިފް އެ އުމުރުގަ މާ ޅަދޮނޅު ވެފަ މާ ކިޔުްޓް! ސައިފް 45 އަހަރު ގަ ޖެހި ވައަތަރަށް ވުރެން ވެސް ކުޑަކޮށް ތަފާތު އެކަމކު ތީ ހަމަ ސައިފް
އަލޮމް މިއާ
08 February 2025
އައްސަދުތަމީ؟ ފިލްމުކުޅޭ އައްސަދުތަ