"އާޕް ޖޭސާ ކޮއި"ގެ ޕޯސްޓަރުގައި މާދްވަން އާއި ފާތިމާ.
18 ޖޫން 2025 - 08:15
ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ފާތިމާ ސަނާ ޝެއިހް އާއި އާރު މާދްވަން ލީޑު ރޯލު ކުޅޭ ފިލްމު "އާޕް ޖޭސާ ކޮއި" އަންނަ މަހު 11 ގައި ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.
ކަރަން ޖޯހަރްގެ ދަރްމެޓިކް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމު ޕްރިމިއާކުރާ ތާރީޙު ނެޓްފްލިކްސް އިން އިއުލާންކުރީ އިއްޔެ އެވެ.
މިދިޔަ ފެބްރުއަރީ މަހު ޓީޒާ ނެރެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ 2021 ވަނަ އަހަރު ދަރްމެޓިކް އެންޓަޓެއިންމަންޓުން އުފައްދައި، ނެޓްފްލިކްސް އިން ގެނެސްދިން ރޮމޭންޓިމް ކޮމެޑީ "މީނާކްޝީ ސުންދަރޭޝްވަރް"ގެ ޑައިރެކްޓަރު ވިވެކް ސޯނީ އެވެ.
ޒަމާނީ ލޯބީގެ ވާހަކައަކަށް އުފައްދާފައިވާ "އާޕް ޖޭސާ ކޮއި" އަކީ މި ސަނާ އާއި މާދްވަން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ. މި ފިލްމުގައި މާދްވަން ކުޅެނީ ސާންސްކްރިތު ޓީޗަރެއްގެ ރޯލެވެ. އަދި ސަނާ ކުޅެނީ ފްރެންޗު ޓީޗަރެއްގެ ރޯލެވެ.
މި ފިލްމުގެ ކުރިން ފާތިމާގެ އިތުރު ފިލްމެއް ވެސް އަންނަ މަހު ނުކުންނާނެ އެވެ. އެއީ ބޮޑު ސްކްރީނުގައި ދައްކާ "މެޓްރޯ އިން ދިނޯ" އެވެ.
މާދްވަންގެ އެންމެފަހުން ނުކުތް ފިލްމަކީ މިދިޔަ އެޕްރީލް މަހު ގެނެސްދިން "ކޭސަރީ ޗެޕްޓާ 2" އެވެ. އަދި މިދިޔަ އަހަރު ގެނެސްދިން، އޭނާ މުހިންމު ރޯލެއް ކުޅުނު "ޝައިތާން"އަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. ހާއްސަކޮށް އޭނާގެ ރޯލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy