ނެޓްފްލިކްސް އިން ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ އެކްޓްރެސް ތާޕްސީ ޕަންނޫގެ އާ ފިލްމު "ގާންދާރީ" ރިލީޒްކުރުމާ ކައިރިވެފައި ވަނިކޮށް، ކޮޕީރައިޓްގެ ބޮޑު މައްސަލައެއް ތިލަވެއްޖެ އެވެ.

އަންނަ މަހު ތިނެއްގައި ނެރުމަށް ތައްޔާރުވަމުން އަންނަ މި ތުރިލާ ފިލްމަކީ، އޭނާ 2019 ވަނަ އަހަރު ލިޔެ ރަޖިސްޓްރީކޮށްފައިވާ ވާހަކައަކާ ދާދި އެއްގޮތް ފިލްމެއް ކަމަށް ބުނެ އިންޑިއާގެ ލިޔުންތެރިޔާ ކަލްޔާން ބަންޑީ ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.

ނަމަވެސް، މި ފިލްމު އުފައްދާ ފަރާތްތަކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، މިއީ ކަނިކާ ދިއްލޯން ލިޔެފައިވާ އަމިއްލަ ވާހަކައެއް ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ސެންޓްރަލް ޖީއެސްޓީ އަދި ކަސްޓަމްސް ޑިޕާޓްމަންޓްގެ އިންސްޕެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ، އައިއައިޓީ މެޑްރަސްގެ ކުރީގެ ދަރިވަރު ކަލްޔާން ބުނި ގޮތުގައި، 2019 ވަނަ އަހަރު އޭނާ ލިޔުނު "ގާންދާރީ" ވާހަކައަކީ ކުޑަކުދިން ވަގަށް ނަގާ ނެޓްވޯކަކުން އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށް މަސައްކަތްކުރާ މަންމައެއްގެ ހިތްވަރުގަދަ ވާހަކައެކެވެ.

މިއީ ނެޓްފްލިކްސް އިންޑިއާގެ ނައިބު ރައީސް މޮނިކާ ޝޭރްގިލް އަށް 2019 ގައި ލިންކްޑްއިން މެދުވެރިކޮށް ހުށަހެޅި ކޮންސެޕްޓެއް ކަމަށާއި އޭރު އެ ކޮންސެޕްޓް ބަލައިގަތް ނަމަވެސް، އެ ދަނޑިވަޅުގައި ކުންފުނީގެ ޕްލޭނާ ނުގުޅޭ ކަމަށް ބުނެ ރިޖެކްޓުކޮށްފައިވާ ކަމަށް ކަލްޔާން ބުންޏެވެ.

އޭގެ ފަހުން، މިދިޔަ އަހަރު ނެޓްފްލިކްސް އިން "ގާންދާރީ" އިއުލާންކުރުމުން، އޭގެ ނަމާއި ކޮންސެޕްޓް އޭނާގެ ވާހަކައާ އެއްގޮތްކަން ފާހަގަކުރެވުނު ކަމަށް ކަލްޔާން ބުންޏެވެ.

މިކަމުގެ ސަބަބުން އެހެން ޕްރޮޑަކްޝަން ހައުސްތަކާ އެކު އޭނާ ކުރަމުންދިޔަ މަޝްވަރާތަކަށް ހުރަސްއެޅި، މާލީ ގޮތުންނާއި ފަންނީ ގޮތުން ގެއްލުންވި ކަމަށް ބުނެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ 40 ލައްކަ އިންޑިއަން ރުޕީސްގެ ބަދަލެއް ހޯދުމަށާއި ލިޔުންތެރިޔާގެ ކްރެޑިޓް ހޯދުމަށް ގާނޫނީ ނޯޓިސްއެއް ފޮނުވައިފަ އެވެ.

ނަމަވެސް، ފައިސާއަށް ވުރެ ބޮޑަށް އޭނާ ބޭނުންވަނީ އޭނާގެ މަސައްކަތް ބަލައިގަތުން ކަމަށާއި ސަރުކާރު މުވައްޒަފަކަށް ވުމުން ބޮޑު ހަރަދެއްކޮށްގެން ކޯޓު މަރުހަލާ ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ބުންޏެވެ.

މި ތުހުމަތުތަކާ ގުޅިގެން ކަނިކާގެ ޕްރޮޑަކްޝަން ހައުސް "ކައްޓާ ޕިކްޗާސް" އިން ނެރުނު ބަޔާނެއްގައި ވަނީ މިއީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. "ގާންދާރީ" އަކީ ކަނިކާ އަމިއްލައަށް ލިޔެފައިވާ ކައްޓާ ޕިކްޗާސްގެ އޮރިޖިނަލް ވާހަކައެއް ކަމަށާއި ކޮޕީކުރި ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި މީޑިއާތަކުގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ދޭވަޝިޝް މާކިޖާ ޑައިރެކްޓްކޮށްފައިވާ "ގާންދާރީ" އަކީ ތާޕްސީ އާއި ކަނިކާ ގުޅިގެން މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. "ޖޮއިޕޫރާ" ނަމަކަށް ކިޔާ ހިޔާލީ ރަށެއްގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމަކީ ތާޕްސީގެ އެކްޝަން ގިނަ، އެކަމަކު އިންސާނީ އިހުސާސްތަކާ ގުޅިފައިވާ ފިލްމެކެވެ.

މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައި ވަނީ އިޝްވާކް ސިންގް އާއި އާޝިޝް ވިދުޔާތީ އަދި ސްވާސްތިކާ މުކަރުޖީ އެވެ.