ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު "ދުރަންދަރު" މި މަހު 30 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ދުރަންދަރު"ގެ ސްޓްރީމިން ރައިޓްސް ނެޓްފްލިކްސް އަށް ވަނީ ވިއްކައިފަ އެވެ. "ދުރަންދަރު"ގެ ދެ ފިލްމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަތީ 285 ކްރޯޑް ރުޕީސް އަށެވެ.
ނެޓްފްލިކްސް އިން އެ ފިލްމު ސްޓްރީމް ކުރަން ފަށާ ތާރީހު އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، ބައެއް ނޫސްތަކުން ވަނީ އެ ތާރީހަކީ މި މަހު 30 ކަން ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ މަހު ފަހެއްގައި ރިލީޒްކުރި "ދުރަންދަރު"އަށް މިހާރު ވަނީ 1،200 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބިފަ އެވެ. އެ ކާމިޔާބީއާ އެކު، 250-300 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމު ވަނީ އިންޑިއާގެ ހަތަރު ވަނައަށް އެންމެ އަގުބޮޑު ފިލްމަށް މިހާރު ވެފަ އެވެ.
ކުރިން ވެސް އިއުލާންކޮށްފައިވާ "ދުރަންދަރު"ގެ ދެވަނަ ބައި، ކުޑަ އީދާ ދިމާކޮށް އަންނަ މާޗު 19 ގައި ގެނެސްދޭން ނިންމާފައިވާކަން އެ ފިލްމުގެ އުފެއްދުންތެރިން ވަނީ މިދިޔަ މަހު އިއުލާންކޮށްފަ އެވެ.
"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.
ރަންވީރާ އެކު މުހިންމު ރޯލުތައް ކުޅެނީ ސާރާ އަރްޖުން، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.