ދުނިޔޭގެ ބޮކްސް އޮފީހުގައި 3،000 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައި، އިންޑިއާގެ ފިލްމީ ތާރީހުގައި އާ ރެކޯޑެއް "ދުރަންދަރު" ފްރެންޗައިޒް އިން ގާއިމްކޮށްފި އެވެ.
އަދިތުޔާ ދާރް ޑައިރެކްޓްކޮށް، ބޮލީވުޑްގެ ރަރި ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ މި ފްރެންޗައިޒްގެ ދެ ފިލްމު ކަމަށްވާ "ދުރަންދަރު" އާއި "ދުރަންދަރު: ދަ ރިވެންޖް"އަށް މިހާތަނަށް ވަނީ ޖުމްލަ 3,019 ކްރޯޑް ރުޕީސް ލިބިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ކާމިޔާބީއާ އެކު، މި ފްރެންޗައިޒް އިން ވަނީ ކުރިން ރެކޯޑްތައް ހިފަހައްޓަމުން އައި "ބާހުބަލީ" އާއި "ޕުޝްޕާ" ފްރެންޗައިޒްތައް ފަހަތަށް ޖައްސާލައިފަ އެވެ. "ބާހުބަލީ" ގެ ދެ ފިލްމަށް ލިބިފައި ވަނީ ޖުމްލަ 2,438 ކްރޯޑް ރުޕީސް އެވެ. އަދި "ޕުޝްޕާ"ގެ ދެ ފިލްމަށް ލިބިފައި ވަނީ 2,221 ކްރޯޑް ރުޕީސް އެވެ.
- ދުރަންދަރު (ފުރަތަމަ ފިލްމު): ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބިފައި ވަނީ 1,307 ކްރޯޑް ރުޕީސް
- ދުރަންދަރު: ދަ ރިވެންޖް: ދުނިޔޭގެ ބޮކްސް އޮފީހުގައި މިހާތަނަށް 1,712 ކްރޯޑް ރުޕީސް ލިބިފައިވޭ
- މިއީ އިންޑިއާގެ ބޮކްސް އޮފީހުގައި އެކަނި 1,000 ކްރޯޑް ރުޕީސްގެ ޖުމްލަ އާމްދަނީއެއް ހޯދި ފުރަތަމަ ހިންދީ ފިލްމު ފްރެންޗައިޒް
ގަލްފުގެ ގައުމުތަކާއި ޕާކިސްތާނުގައި މި ފިލްމު ދެއްކުން މަނާކޮށްފައި އޮތް ނަމަވެސް، އަދި ފުރަތަމަ ފިލްމު ހަމައެކަނި ހިންދީ ބަހުން ރިލީޒްކުރި ނަމަވެސް، މި ފިލްމު ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. ދެވަނަ ފިލްމު "ދުރަންދަރު: ދަ ރިވެންޖް" ވަނީ ދެކުނު އިންޑިއާގެ އެކި ބަސްބަހުން ޑަބްކޮށްގެން ވެސް ރިލީޒްކޮށްފަ އެވެ.
މި ފިލްމުގައި ރަންވީރުގެ އިތުރުން ސާރާ އަރުޖުން، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް އަދި އާރް މާދަވަން ކަހަލަ ތަރިން މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.