ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އާ ފިލްމު "ދުރަންދަރު 2: ދަ ރިވެންޖް" އިންޑިއާގެ ބޮކްސް އޮފީހުގައި ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިއްޔެ ޕްރިމިއާކުރި މި ފިލްމަށް ފުރަތަމަ ދުވަހު އިންޑިއާގައި އެކަނިވެސް 102.55 ކްރޯޑް ރުޕީސް (ޕެއިޑް ޕްރިވިއުތަކާ އެކު ޖުމްލަ 145.55 ކްރޯޑް ރުޕީސް) ވަނީ ލިބިފަ އެވެ.
އެއާ އެކު، މި ފިލްމު ވެފައި ވަނީ ބޮލީވުޑްގެ ތާރީހުގައި ވެސް ފުރަތަމަ ދުވަހު 100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށެވެ.
މި ކާމިޔާބީއާ އެކު، "ދުރަންދަރު 2" ވަނީ ބޮލީވުޑްގެ އެންމެ ބޮޑު "އޯޕަނިން" ރެކޯޑްތައް މުގުރާލައިފަ އެވެ. މީގެ ކުރިން މި ރެކޯޑް ދެމެހެއްޓީ 75 ކްރޯޑް ރުޕީސްގެ އާމްދަނީއަކާ އެކު ޝާހްރުކް ހާންގެ "ޖަވާން" އެވެ. އެ ލިސްޓުގައި ދެން އޮތީ 64 ކްރޯޑް ރުޕީސްއާ އެކު ރަންބީރު ކަޕޫރުގެ "އެނިމަލް" އަދި 57 ކްރޯޑް ރުޕީސްއާ އެކު ޝާހުގެ "ޕަތާން" އެވެ.
މުޅި އިންޑިއާގެ ފިލްމީ ތާރީހަށް ބަލާއިރު، "ދުރަންދަރު 2" އަކީ މިހާރު ދެވަނައަށް އެންމެ ބޮޑު "އޯޕަނިން"އެއް ހޯދި ފިލްމެވެ. އެއްވަނައިގައި އޮތީ 164 ކްރޯޑް ރުޕީސްއާ އެކު، އައްލޫ އަރުޖުންގެ "ޕުޝްޕާ 2" އެވެ.
"ދުރަންދަރު 2" މިހާރު ވަނީ ދެކުނުގެ އިންޑިއާގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ބާހުބަލީ 2" (121 ކްރޯޑް ރުޕީސް) އަދި "އާރުއާރުއާރު" (133 ކްރޯޑް ރުޕީސް)ގެ ރެކޯޑްތައް ވެސް ފަހަތަށް ޖައްސާލައިފަ އެވެ.
މި ފިލްމުގެ ވިޔަފާރި މިހާ ވަރުގަދަކޮށް ފެށުމުން، މިއީ ބޮކްސް އޮފީހުގައި ބޮޑު ބްލޮކްބަސްޓަރަކަށް ވާނެ ކަމަށް މާހިރުން ލަފާކުރާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުންޏެވެ.
މިދިޔަ އަހަރު ގެނެސްދިން "ދުރަންދަރު"ގެ ފުރަތަމަ ފިލްމަށް ވެސް ރެކޯޑް އާމްދަނީއެއް ލިބިފައިވެ އެވެ.
"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.
ރަންވީރާ އެކު މުހިންމު ރޯލުތައް ކުޅެނީ ސާރާ އަރްޖުން، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.
"ދުރަންދަރު"ގެ ދެވަނަ ފިލްމުގައި ދައްކަނީ ފުރަތަމަ ފިލްމުގައި ހިނގި ކަންކަމުގެ ކުރިންނާއި އޭގެ ފަހުން ހިނގާ ކަންކަމެވެ.