ބޮލީވުޑްގެ ތަރި ރަންވީރު ސިންގްގެ ފިލްމު "ދުރަންދަރު: ދަ ރިވެންޖް" އަށް ލިބޭ ތަރުހީބު ބޮޑުވުމުން އެ ފިލްމު 3-4 މަސްދުވަހު ސިނަމާތަކުގައި ދައްކާނެ ކަމަށް އަޑު ފެތުރިއްޖެ އެވެ.
ހިންދުސްތާން ޓައިމްސްގައި ބުނީ މި ފިލްމު ކުރިއަށް އޮތް ތިން ހަތަރު މަސްދުވަހު ސިނަމާތަކުގައި ދައްކާނެ ކަމަށް އުންމީދުކުރާ ކަމަށް ތެލެގޫ އެކްޓަރު އަދިވީ ސޭޝް ވެސް ވަނީ ބުނެފަ އެވެ.
މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރި "ދުރަންދަރު 2"އަކީ މިހާރު ވެސް ދުނިޔޭގެ ބޮކްސް އޮފީހުގައި 1،000 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެކެވެ. އާދިތުޔާ ދަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސަބަބުން، އަދިވީ ސޭޝްގެ އާ ފިލްމު "ޑަކޮއިޓް" ރިލީޒްކުރުން ވެސް ވަނީ ފަސްކޮށްފަ އެވެ.
ސޭޝްގެ ފިލްމު "ޑަކޮއިޓް"ގެ ޓްރެއިލާ ނެރުމަށް އިއްޔެ ބޭއްވި ހަފުލާގައި އޭނާ ބުނީ "ދުރަންދަރު 2" އަކީ އައިޕީއެލް ކަހަލަ އިންޑިއާގެ މުޅި ސަގާފަތަށް ނުފޫޒު ފޯރުވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އޭނާގެ ފިލްމު "ޑަކޮއިޓް" ރިލީޒްކުރުން ފަސްކުރީ "ދުރަންދަރު"އަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން ސިނަމާތަކުން އެކަށީގެންވާ ޝޯތަކެއް ލިބުން ދަތިވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ދުރަންދަރު އަދި ތިން ހަތަރު މަސްދުވަހު ސިނަމާތަކުގައި އޮންނާނެ. ނަމަވެސް ތަފާތު ވައްތަރުގެ ފިލްމުތަކަށް ވެސް ފުރުސަތު އޮންނާނެ. ދުރަންދަރު ބަލަން ޓިކެޓް ނުލިބޭ މީހުންނަށް އަހަރެމެންގެ ފިލްމު ބަލަން އާދެވިދާނެ،" ސޭޝް ބުންޏެވެ.
"ދުރަންދަރު"އަކީ 2000 ގެ ކުރީކޮޅު ޕާކިސްތާނުގެ ލަޔާރީގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސްޕައި ތުރިލާކެވެ. އެ ފިލްމުގައި ރަންވީރުގެ އިތުރުން އަކްޝޭ ކަންނާ، ސަންޖޭ ދަތު، އަރުޖުން ރާމްޕާލް އަދި އާރް މާދަވަން މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.