"ދުރަންދަރު 2" ރިލީޒްކުރިތާ ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 1,000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި، އިންޑިއާގެ ސިނަމާގެ އާ ރެކޯޑެއް ހަދައިފި އެވެ. 

އެ ފިލްމަށް އިއްޔެގެ ނިޔަލަށް ލިބުނު އާމްދަނީގެ ތަފްސީލު:

  • މުޅި ދުނިޔެއިން ލިބުނު ޖުމްލަ: 1,067.24 ކްރޯޑް ރުޕީސް
  • އިންޑިއާ އިން އެކަނި: 805.32 ކްރޯޑް ރުޕީސް 
  • ދުނިޔޭގެ އެހެން ގައުމުތަކުން: ގާތްގަނޑަކަށް 261.92 ކްރޯޑް ރުޕީސް

ރިޕޯޓްތައް ބުނި ގޮތުގައި، އަދިތުޔަ ދާރް ޑައިރެކްޓްކޮށް، ރަންވީރު ސިންގް ލީޑު ރޯލު ކުޅޭ މި ފިލްމަކީ މިހާރު ބޮލީވުޑްގެ ތާރީހުގައި އެންމެ އަވަހަށް 1,000 ކްރޯޑް ރުޕީސްގެ ކްލަބަށް ވަތް ފިލްމެވެ.

މީގެ ކުރިން އެ ރެކޯޑް ދެމެހެއްޓީ 18 ދުވަހުން އެ އަދަދު ހަމަކުރި ޝާހްރުކް ޚާންގެ "ޖަވާން" އެވެ.

މީގެ އިތުރުން، މިއީ އިންޑިއާގައި އެއް ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ހިންދީ ފިލްމު ވެސް މެ އެވެ.

އިންޑިއާގެ ފިލްމީ މާހިރުން ލަފާކުރާ ގޮތުގައި، މި ހަފުތާ ބަންދުގައި މި އަދަދުތައް އަދި އިތުރަށް މައްޗަށް ދާނެ އެވެ.

މިދިޔަ އަހަރު ގެނެސްދިން "ދުރަންދަރު"ގެ ފުރަތަމަ ފިލްމަށް ވެސް ރެކޯޑް އާމްދަނީއެއް ލިބިފައިވެ އެވެ. 

"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.

ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.

ރަންވީރާ އެކު މުހިންމު ރޯލުތައް ކުޅެނީ ސާރާ އަރްޖުން، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.

"ދުރަންދަރު"ގެ ދެވަނަ ފިލްމުގައި ދައްކަނީ ފުރަތަމަ ފިލްމުގައި ހިނގި ކަންކަމުގެ ކުރިންނާއި އޭގެ ފަހުން ހިނގާ ކަންކަމެވެ.