ސިނަމާގައި ނުދައްކާ އާ މަންޒަރުތަކަކާ އެކު "ދުރަންދަރު: ދަ ރިވެންޖު" މިއަދު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާ ފިޔަވާ އެހެން ހުރިހާ ގައުމެއްގައި "ދުރަންދަރު 2" ސްޓްރީމް ކުރާނީ ނެޓްފްލިކްސް އިންނެވެ. އަދި އިންޑިއާގައި އެ ފިލްމު ސްޓްރީމް ކުރަނީ ޖިއޯ ހޮޓްސްޓާ އިންނެވެ.
ސްޓްރީމިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރާ މި ފިލްމުގެ ވާޝަނަށް ދީފައިވާ ނަމަކީ "ދުރަންދަރު: ދަ ރިވެންޖު (ރޯ އެންޑް އަންދޭކާ) އެވެ.
މިއީ ސިނަމާގައި ދެއްކި މި ފިލްމުގެ މަންޒަރުތަކުގެ އިތުރުން އާ މަންޒަރުތަކާއި ސެންސަރު ނުކުރާ "އަންކަޓް" ވާޝަނެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސިނަމާގައި ދެއްކި މި ފިލްމުގެ ވާޝަންގެ ދިގުމިނަކީ 3 ގަޑިއިރާއި 49 މިނެޓެވެ. ނަމަވެސް، ސްޓްރީމިން ވާޝަންގެ ދިގުމިނަކީ 3 ގަޑިއިރާއި 52 މިނެޓެވެ. މި ވާޝަންގައި ސިނަމާތަކުން އުނިކުރި ބައެއް ޑައިލޮގްތަކާއި އަނިޔާވެރި މަންޒަރުތައް ހިމެނޭނެ އެވެ. މިއީ މާ ބިރުވެރި އަދި އަސަރުގަދަ ވާޝަނެއްގެ ގޮތުގައި ވަނީ އިޝްތިހާރުކޮށްފަ އެވެ.
މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނީ ރާއްޖެ ގަޑިން މިއަދު މެންދުރު ފަހު 1:00 ގަ އެވެ.
އަދިތުޔަ ދާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. މިހާތަނަށް އިންޑިއާއިން އެކަނި ވެސް 1،300 ކްރޯޑް ރުޕީސް (153 މިލިއަން ޑޮލަރު) ހޯދާފައިވާއިރު، މުޅި ދުނިޔެއިން 1،800 ކްރޯޑް ރުޕީސް (212 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
ރަންވީރު ސިންގް ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގެ މުހިންމު އެހެން ރޯލުތައް ކުޅެފައި ވަނީ ސާރާ އަރުޖުން، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު އަދި އާރް މާދަވަން އެވެ.