ފިލްމު "ދުރަންދަރު"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، ބޮލީވުޑްގެ ތަރި ރަންވީރު ސިންގާއި ޑައިރެކްޓަރު އަދިތުޔަ ދާރު އަލުން އެކުގައި އިތުރު ފިލްމެއްގެ މަސައްކަތްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ދެ ފަންނާނުންގެ އާ ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗު މަހު އެވެ.
"ދުރަންދަރު"އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށް ވުމާ އެކު، އަދިތުޔަ މިހާރު އަންނަނީ މި އާ ޕްރޮޖެކްޓުގެ ސްކްރިޕްޓާއި ކޮންސެޕްޓް ތައްޔާރުކުރަމުން ކަމަށް ރިޕޯޓްތައް ބުންޏެވެ.
މިއީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ، ތަފާތު ކޮންސެޕްޓެއްގެ "ލާޖާ ދޭން ލައިފް" ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އަދިތުޔަ އާއި ރަންވީރު މަޝްވަރާ ކުރަމުން އަންނަ ނަމަވެސް، މިހާތަނަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ދުރަންދަރު"ގެ ދެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 1،700 ކްރޯޑް ރުޕީސް (178 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
މީގެ އިތުރުން "ދުރަންދަރު" އުފެއްދި ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ބީޓީއެސް ޑޮކިއުމަންޓަރީއެއް މި އަހަރުގެ ފަހުކޮޅު ސިނަމާތަކުގައި ދައްކަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.