ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފެއްދި އާ ފިލްމު "ޗާންދު މޭރާ ދިލް"އަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަނަންޔާ ޕާންޑޭ އާއި ލަކްޝްޔާ ލީޑް ރޯލުތައް ކުޅޭ މި ރޮމޭންޓިކް ޑްރާމާ ފިލްމު މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އިރު، ބޮކްސް އޮފީހުގައި އެ ފިލްމަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ.
މިއީ އަނަންޔާގެ ކެރިއަރުގައި މިހާތަނަށް ފިލްމެއް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ދަށް އާމްދަނީއެއް ލިބުނު ފިލްމެވެ.
ބޮކްސް އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 4،944 ޝޯއާ އެކު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު އިންޑިއާ އިން އެކަނި ޖުމްލަ ލިބިފައި ވަނީ 3.39 ކްރޯޑް ރުޕީސް (354,500 ޑޮލަރު) އެވެ.
މި ފިލްމު އުފެއްދީ 30-40 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.
މި ފިލްމުގެ އާމްދަނީ، މިދިޔަ ހަފުތާގައި ރިލީޒްކުރި "ޕަތީ ޕަތުނީ އޯރު ވޯ ދޯ" އަށް ވުރެ ވެސް ދަށެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ހަތަރު ކްރޯޑް ރުޕީސް ލިބުނެވެ. ނަމަވެސް، "ޕަތީ ޕަތުނީ އޯރު ވޯ ދޯ" ބޮޑުކޮށް ޕްރޮމޯޓްކުރި އިރު، "ޗާންދު މޭރާ ދިލް" ޕްރޮމޯޓްކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
ނަންޔާގެ ކުރީގެ ފިލްމުތަކުގެ ފުރަތަމަ ދުވަހުގެ ރެކޯޑް:
- ތު މޭރީ މޭން ތޭރާ މޭން ތޭރާ ތު މޭރީ: 7.75 ކްރޯޑް ރުޕީސް
- ކޭސަރީ ޗެޕްޓާ 2: 7.76 ކްރޯޑް ރުޕީސް (މުޅި ދުނިޔެއިން 145 ކްރޯޑް ރުޕީސް ހޯދި)
- ޑްރީމް ގާލް 2: 10.69 ކްރޯޑް ރުޕީސް
މި ފިލްމު ރިލީޒްކުރުމުގައި އުފެއްދުންތެރިން ބޭނުންކުރީ މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި "ސައްޔާރާ" ފިލްމުގެ ފޯމިއުލާ އެވެ. އެ ފިލްމަކީ އެއްވެސް އޮފްލައިން ޕްރޮމޯޝަނެއް ނެތި ފުރަތަމަ ދުވަހު 21.5 ކްރޯޑް ރުޕީސް ހޯދައި، އިންޑިއާ އިން އެކަނި ޖުމްލަ 388 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެކެވެ.
މީގެ އިތުރުން، ކޮލެޖު ކުދިން ސިނަމާތަކަށް ވެއްދުމުގެ ބޭނުމުގައި، ދަރްމާ ޕްރޮޑަކްޝަނުން ވަނީ ފުރަތަމަ ދުވަހުގެ ހަވީރު ފަހެއް ޖެހުމުގެ ކުރިން ދެއްކި ޝޯތަކުގެ ޓިކެޓް 149 ރުޕީސް އަށް އަގުހެޔޮ ވެސް ކޮށްފަ އެވެ. ނަމަވެސް އެ އުކުޅު ވެސް ވީ ނާކާމިޔާބެވެ.
ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން އުފެއްދި މި ފިލްމަކީ އަނަންޔާ އާއި ލަކްޝްޔާ އެކުގައި ފެނުނު ފުރަތަމަ ފިލްމެވެ. މީގެ ދެ އަހަރު ކުރިން 2024 ގައި ނުކުތް ލަކްޝްޔާގެ އެކްޝަން ފިލްމު "ކިލް" އަށް ފުރަތަމަ ދުވަހު ލިބުނީ 1.25 ކްރޯޑް ރުޕީސް އެވެ.
އަނަންޔާ އާއި ލަކްޝްޔާއަކީ މިހާރު ސްޓްރީމިން ޕްލެޓްފޯމްތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ދެ ތަރިންނެވެ. ލަކްޝްޔާ، އާރްޔަން ހާންގެ "ދަ ބާސްޓާޑްސް އޮފް ބޮލީވުޑް" އިން ސަމާލުކަން ހޯދި އިރު، އަނަންޔާ ވަނީ ނެޓްފްލިކްސްގެ "ކޯ ގަޔޭ ހަމް ކަހާން" އަދި "ކޮންޓްރޯލް"ގެ އިތުރުން ޕްރައިމް ވީޑިއޯގެ "ކޯލް މީ ބޭ" އިން ގިނަ ބައެއްގެ ލޯބި ހޯދައިފަ އެވެ.