މާވެލްގެ ފިލްމަކަށް ޝާހްރުކް ހާން ގެންނަން ޝައުގުވެރިކަން އެބަހުރި

ސުޕަހީރޯ ފިލްމުތައް އުފައްދަން މަޝްހޫރު މާވެލް ސްޓޫޑިއޯ އިން އިންޑިއާގެ ވާހަކައެއް ގެނެސްދޭ ސުޕަހީރޯ ފިލްމެއް ހަދާ ނަމަ، އެ ފިލްމްގެ ބަތަލުގެ ރޯލް ހުށަހަޅާނީ ޝްހްރުކް ހާނަށް ކަމަށް މާވެލްގެ ވައިސް ޕްރެޒިޑެންޓް އޮފް ކްރިއޭޓިވް ޑިވެލޮޕްމަންޓް ސްޓެފެން ވެކާ ބުނެފި އެވެ.


ދި އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއެއްގައި އޭނާ ބުނި ގޮތުގައި ޝާހްރުކަކީ މާވެލްގެ ފިލްމެއްގައި ސުޕަހީރޯ ކެރެކްޓާއެއް ކުޅެލަން ފައްކާ އެކްޓަރަކަށް ވާނެ އެވެ.

"މުސްތަގުބަލުގައި އަހަރެމެން އިންޑިއާގެ ކޮންޓެންޓަކާ އެކު މާވެލްގެ ފިލްމެއް ހަދާ ނަމަ ޝާހްރުކް ފިލްމަށް ގެންނާނީ" ސްޓެފެން ބުންޏެވެ.

އޭނާ ބުނި ގޮތުތުގައި ސުޕަހީރޯ ފިލްމްތަކަކީ ގިނަ ބަޔަކު ގަޔާވާ ޖޯންރާއެކެވެ. އަދި އިންޑިއާގައި ވެސް މިފަދަ ފިލްމްތަކަށް ބޮޑު ތަރުހީބެއް މިހާރު ލިބެމުން އަންނަކަން ފާހަގަކުރި އެވެ.

ޝާހްރުކް ލައްވައި ސުޕަހީރޯއެއްގެ ރޯލް ކުޅުވަން މާވެލް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، އެކަހަލަ ފިލްމަކަށް އޭނާ އަލެއް ވެސް ނުވާނެ އެވެ. ޝާހްރުކްގެ ރެޑް ޗިލީޒުން ވަނީ އޭނާ ސުޕަހީރޯއެއްގެ ރޯލް ކުޅުނު ފިލްމެއް 2011 ގައި ބެލުންތެރިންނަށް ގެނެސް ދީފަ އެވެ. އެއީ އަނޫބަވް ސިންހާ ޑައިރެކްޓް ކުރި "ރާ.ވަން" އެވެ.

އެކަމަކު ބޮޑު ބަޖެޓަކުން ހެދި އެ ފިލްމަކީ އާންމުންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. ނަމަވެސް "ރާ.ވަން" ގެ ދެވަނަ ބައެއް ހެދުމުގެ ވިސްނުންތަކެއް ވެސް އެ ފިލްމްގެ ޓީމުން އަންނަނީ ގެންގުޅެމުންނެވެ.

"ރާ. ވަން" ގެ ޓްރެއިލާއެއް.

ޝާހްރުކަކީ ހޮލީވުޑުން މީގެ ކުރިން އޮފާތަކެއް ލިބުނަސް، ހުޅަނގުގެ އެއްވެސް ފިލްމެއްގައި މިހާތަނަށް މަސައްކަތް ކުރި އެކްޓަރެއް ނޫނެވެ. އެކަމަކު އިންޑިއާގެ އެކްޓަރުން މި ފަހަކަށް އައިސް އަންނަނީ ހޮލީވުޑްގައި ކުޅަދާނަކަން ދައްކަމުންނެވެ.

އާންމުކޮށް ލޯބީގެ ފިލްމްތައް ކުޅޭ ޝާހްރުކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" އެވެ.

މާވެލް އިން އޭނާ ހިމަނައިގެން ސުޕަހީރޯ ފިލްމެއް ހެދުމުގެ ޝައުގުވެރިކަން ހުރި ވާހަކަ ބުނި ނަމަވެސް، މިކަމާ ބެހޭ ގޮތުން ޝާހްރުކް، 52، އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.