ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން.
29 އެޕްރީލް 2025 - 11:57
ސުޕަސްޓާރު ޝާހްރުކް ހާން މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ)ގެ ފިލްމެއް ކުޅެން އުޅޭ ކަމަށް ބުނާ ރިޕޯޓްތަކާ އެކު ބޮލީވުޑަށް ޝޮކެއް ލިބިއްޖެ އެވެ.
މި ޚަބަރު މީޑިއާތަކުން ރިޕޯޓްކުރީ މާވެލްގެ ޚަބަރުތައް ގެނެސްދޭ އެކްސް އެކައުންޓެއް ކަމަށްވާ "މާވެލް ލީކްސް"ގައި ޝާހުގެ ފޮޓޯއެއް މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓުކުރުމުންނެވެ. ޝާހުގެ ފޮޓޯ އެ ޕޯސްޓުގައި ޖެހި ސަބަބެއް އޭގައި ބުނެފައެއް ނުވެ އެވެ.
ނަމަވެސް "މާވެލް ލީކްސް" އަކީ މާވެލް ސްޓޫޑިއޯގެ ފިލްމުތަކާ ގުޅޭ ގޮތުން ތެދު ޚަބަރުތައް މީގެ ކުރިން ވެސް ގެނެސްދީފައިވާ އެކްސް އެކައުންޓަކަށް ވާތީ، މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ޝާހު މާވެލްއާ ގުޅެނީ ކަމަށެވެ.
މާވެލް އިން މި ޚަބަރު މިހާތަނަށް ކަށަވަރުކޮށް ނުދޭއިރު، ޝާހު ވެސް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
— Marvel Leaks (@MarvelLeaks22) April 26, 2025
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ހޮލީވުޑްގެ ސްޓޫޑިއޯތަކުން ވަނީ ޝާހުއަށް ތަފާތު ހުށަހެޅުންތައް ހުށަހަޅައިފަ އެވެ. އެކަމަކު، އޭނާ ވަނީ ހޮލީވުޑްގައި މަސައްކަތްކުރަން އަދި ބޭނުން ނުވާ ކަމަށް އޭރު ބުނެފަ އެވެ.
ޝާހު މާވެލްއާ ގުޅެން އުޅޭ ކަމަށް ބުނާއިރު، މާވެލްގެ ފިލްމުތަކުގައި މަސައްކަތްކުރާ ބައެއް ފަންނާނުން ވަނީ އެކި ފަހަރު މަތިން ޝާހުއަށް ވަރަަށް ތައުރީފު ވެސް ކޮށްފަ އެވެ. "ދަ މާވެލްސް"ގެ ޑައިރެކްޓަރު ނިއާ ޑަކޯސްޓާ ބުނި ގޮތުގައި، ޝާހުއަކީ ލެޖެންޑެކެވެ. އަދި ޝާހުއާ އެކު އޭނާ މަސައްކަތްކުރަން ވަރަށް ބޭނުންވެ އެވެ.
މާވެލްގެ އާ ކެޕްޓަން އެމެރިކާ އެންތޮނީ މެކީ ބުނެފައިވާ ގޮތުގައި، ޝާހު އެވެންޖާސްއާ ގުޅެން އޭނާ ވެސް ވަރަށް ބޭނުންވެ އެވެ. އަދި ޑޮކްޓާ ސްޓްރޭންޖްގެ ރޯލު ކުޅޭ ބެނެޑިކްޓް ކަމްބާބެޗު ވެސް އެއް ފަހަރަކު ޝާހުގެ އެކްޓިން އަށް ވަރަށް ތައުރީފުކޮށްފައިވެ އެވެ.
މާވެލްގެ ސީރީޒެއް ކަމަށްވާ، 2022 ވަނަ އަހަރު ގެނެސްދިން "މިސް މާވެލް"ގައި ޝާހުއަށް ޓްރިބިއުޓެއް ވެސް ދީފައިވެ އެވެ. އެ ސީރީޒްގައި ޝާހުގެ ފިލްމު "ސްވޭޑްސް"ގެ މަޝްހޫރު ލަވައެއް ކަމަށްވާ "ޔޭ ޖޯ ދޭޝް ހޭ މޭރާ" ބޭނުންކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލީޝާ
01 May 2025
މާވެލްއަކީ ޒުވާނުން ކުދީންގެ ސިކުނޑި ދޮވެލާ ދޮންނަ މެށިންއެއް. ނިމޭއިރު އޮންނަނީ ވޮޑްކާ ފުޅީ ދުނުކުރެވި
ގެދޮރޭ
01 May 2025
ސްވޭޑްސް އެއް ނޫން. ސްވަދޭޝް.
ސޮރީ
29 April 2025
60 އަހަރުގެ ޝާހުރުކު! ޚިތައްމެ ބޮޑީ ކުރިޔަސް އުމުރު ފަހަތަކަށް ނުދާނެ
ސޯ ސޮރީ
29 April 2025
އުމުރެއްނޫން މުހިންމީ. އުމުރުން ދުވަސްވާއިރު ރަނގަޅު ސިއްހަތެއްގައި ހުރުން މުހިންމީ. ހަސަދަވެރިކަން ހުންނަމީހުންނަށް ލިޔެވޭނީ ނެގެޓިވް ކޮމެންޓް ލިޔާނެ ކިތަންމެ ޕޮޒިޓިވް އެއްޗެއްހުއްޓަސް.
ފލމ ކރޓކ.
29 April 2025
މަރވަލއ ގެ ފެންޓަސްޓިކް 4 ގެ ރީޑް ރިޗަޑް ގެ ހިންދީ ޑަބް ކުރަނީ. އެއީ މާ ހައިރާން ވާން ޖެހޭ ކަމެއް ނޫން. ލަޔަން ކިންގް ގެ މުފާސާ ޔަށް އަޑު އެޅި ގޮތަށް .
ޖޯންބެ
29 April 2025
ޝާހުގެ އަސްލުބޮޑީ ހުންނަގޮތެއްނޫން އެއީ މޭކަޕްއާ ކުލަބޭނުންކޮށް ބޮޑީ އެޑިޓިންހަދާފައެހުންނަނީ. ފިލްމުތަކުގެ ބިހައިންޑްސީންތައްބެލީމަ ފެންނާނެ ކުލަހާކާތަން.
ދަލޭކަ ދައިތަ
29 April 2025
ވާވް!! ނިކަން ކުދިންނޭ މިހެން ފިޓްވެބަލަ. ރޭގަނޑު ހޭލާތިބެ ނިދިނަގާލާ ޕާޓީކޮށް މަސްތުނުވެ، ކޮފީތަކުގައި ފޯނާ ކުޅެންނުތިބެ. ފިޓްކޮށްތިބުމަކީ ސްޓްރެސް ފިލާ ނަފްސަށްއޮންނަ އިތުބާރު ލިބި އަންހެންކުދިން ހިތްކިޔާނެ.
ޝޭމްސް
29 April 2025
ދަލޭކަ ދައިތަ ނިކަން ހިތްކިޔައިފި އުތަ؟
ޝޯރު މަޗާލޭ
29 April 2025
60 އަހަރު ވެފަ! ދެން ކޮން ޒުވާނެއް
ހެޔޮ މަށަށް
29 April 2025
ދެން މަށަށް ކީއް؟
މޮލީވުޑް
29 April 2025
އަހަރެމެންނަށްވެސް ޝޮކެއް މި ޖެހުނީ. ހިޔެއްވެސް ނުކުރަން ޔޫއްޕެއަށް ނުލިބި މި ފުރުސަތު ޝާހު އަށް ލިބިދާނޭ!