ސޮނީ ޕިކްޗާސް އާއި މާވެލް ސްޓޫޑިއޯސް ގުޅިގެން ނެރޭ އެމްސީޔޫގެ "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"ގެ އާ ޓްރެއިލާއެއް އިއްޔެ އާންމުކޮށްފި އެވެ.
މި ފިލްމަކީ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑް، ސްޕައިޑަމޭންގެ ރޯލުން ފެންނާނެ ހަތަރުވަނަ ސޯލޯ ފިލްމެވެ.
މި ފިލްމުގެ ވާހަކަ ފެށެނީ "ސްޕައިޑަމޭން: ނޯ ވޭ ހޯމް"ގެ ހާދިސާތަކުގެ ހަތަރު އަހަރު ފަހުންނެވެ. ޑޮކްޓާ ސްޓްރޭންޖް ހެދި ޖާދޫގެ ސަބަބުން ދުނިޔޭގެ އެކަކަށް ވެސް މިހާރު ޕީޓާ ޕާކާއަކީ ކާކު ކަމެއް ނޭނގެ އެވެ.
ޕީޓާ އުޅެނީ ނިއުޔޯކްގައި އެކަނިވެރި ދިރިއުޅުމެކެވެ. އޭނާގެ އެންމެ ގާތް އެކުވެރިން ކަމަށްވާ އެމްޖޭ (ޒެންޑާޔާ) އާއި ނެޑް (ޖޭކަބް ބަޓާލޯން) އޭނާ މަތިން ހަނދާން ނެތި، އާ ދިރިއުޅުމެއް ފަށާފައިވާތަން ބަލަން ޕީޓާއަށް މަޖުބޫރުވެ އެވެ.
މި ފިލްމުގައި މާވެލްގެ މަޝްހޫރު އެހެން ކެރެކްޓާސްތައް ވެސް ފެންނާނެކަން މި އާ ޓްރެއިލާ އިން ވަނީ ކަށަވަރުވެފަ އެވެ. ޓްރެއިލާގައި ހަލްކް އާއި ސްޕައިޑަމޭންގެ ކުރިމަތިލުމެއް ފެނެ އެވެ. ނިއުޔޯކްގެ މަގުމަތީގެ ކުށްވެރިން ހުއްޓުވުމަށް ސްޕައިޑަމޭންއާ އެކު ޕަނިޝާ ޓީމު ހަދާ މަންޒަރު ފެނެ އެވެ.
"ސްޕައިޑަމޭން: ހޯމްކަމިން" އަށް ފަހު އެނބުރި އަންނަ މުހިންމު ވިލަންއެއް ކަމަށްވާ ސްކޯޕިއަން ވެސް މި ފިލްމުން ފެންނާނެ އެވެ.
"ސްޓްރޭންޖާ ތިންގްސް" އިން މަޝްހޫރުވި ސޭޑީ ސިންކް މި ފިލްމުން ފެންނާނެ ކަން ކަށަވަރުވެފައި ވިޔަސް، އޭނާ ކުޅެނީ ކޮން ކެރެކްޓާއެއްކަން ވަނީ ސިއްރުކޮށްފަ އެވެ.
ސިންކް ބުނެފައި ވަނީ އޭނާގެ ކެރެކްޓާއަކީ ކުރިއަށް އޮތް "އެވެންޖާސް: ސީކްރެޓް ވޯސް" ފިލްމާ ވެސް ގުޅުންހުރި މުހިންމު ރޯލެއް ކަމަށެވެ.
ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރަނީ މި މަހު 31 ގަ އެވެ.